14:30


އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށް ހުށަހެޅުއްވި މައްސަލަ އާއި ބެހޭ ބައެއް މަޢުލޫމާތުތައް ރައްޔިތުންގެ މަޖްލިހަށް އެޑިއުކޭޝަން މިނިސްޓަރު ފޮނުއްވައިފި އެވެ.


އެޑިއުކޭޝަން މިނިސްޓަރ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖްލީހުގެ ޢިއްޒަތްތެރި ދިހަ މެމްބަރަކު ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ މައްސަލަ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ރައްޔިތުންގެ މަޖްލިހުގެ މެމްބަރުންނަށް އެ މައުލޫމާތުތައް ހުށަހަޅުއްވާފައި ވަނީ އެޑިއުކޭޝަން މިނިސްޓަރުގެ އިތުބާރުގެ ނެތް ކަމުގެ މައްސަލަ ހުށަހެޅިފައިވާ ކަންކަމާބެހޭ ސައްޙަ މަޢުލޫމާތު މަޖިލީހުގެ މެމްބަރުންނަށް ލިބުމަކީ މުހިންމުކަމެއް ކަމުގައިވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ފޮނުއްވާފައިވާ އެ ސިޓީގައިވެ އެވެ.


ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ އެ ސިޓީގައި ޑރ. މުޞްޠަފާ ލުޠުފީ ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ހުށަހަޅުއްވާފައިވާ މައްސަލަތަކުގެ މައިގަނޑަކީ ދިވެހި ދަރިންގެ ތައުލީމުން އިސްލާމް ދީނާއި ދިވެހި ބަސް އެއްކިބައިކޮށްލައި ދީނީ، އަދަބީ އަދި ޝަޤާފީ ހުނަރުތައް ލިބުމުން ކުދިން މަހްރޫމް ކުރުމަށް މަސައްކަތްކުރަމުންދާ ވާހަކަ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުވެވަޑައިގެން ފަހުން ދީނީ ކަންތައްތަކަށާއި ދިވެހި ބަހާއި އަދަބިއްޔާތަށް ސްކޫލްތަކުން އިތުރު ސަމާލުކަމެއް ދޭނެ ގޮތަށް ހެދުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެ އެކަންތައްތަކުގެ ތަފްސީލް އެސިޓީގައި ބަޔާންކުރައްވާފައިވެ އެވެ.


މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ނިންމާފައިވާ ކަންތައްތައް ކަމަށް ފާހަގަކޮށްފައިވާ ހަތް ކަމަކަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވަނީ ވަރަށް ތަފްސީލްކޮށް އެސިޓީގައި ބަޔާންކުރައްވާފަ އެވެ. އެގޮތުން ކުއްލިއްޔާގެ ދައުރު ހަނިކޮށް އެތަނަކީ ކޮލެޖްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވުމާ ގުޅޭ ގޮތުން އެމައްސަލާގައި އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައި ވަނީ ކުއްލިއްޔާ ކޮލެޖްގެ ދަށަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއް ތަންފީޒުކުރުމުގެ ގޮތުން ކުރައްވައިފައިވާ ކަމެއް ކަމަށެވެ. އަދި އިސްލާމާ ދިވެހި މަތީ ސާނަވީގައި އިހްތިޔާރީ ދެ މާއްދާގެ ގޮތުގައި ބޭއްވުމަށް ހަމަޖެއްސުމަށް ޤައުމީ މަންހަޖުގައި ހިމަނާފައިވަނީ މަތީ ސާނަވީގައި ކުދިންނަށް ތަފާތު ގިނަ މާއްދާތަކެއްގެ ފުރުސަތުދީ ހުރިހާ މާއްދާތަކެއް ވެސް އިހްތިޔާރީ މާއްދާތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުށަހަޅާފައިވާތީ ކަމަށެވެ. އަދި އެއީ ހަމައެކަނި ހުށަހެޅުމެއް ކަމަށާއި ނަމަވެސް އިސްލާމާ ދިވެހި މި ދެމާއްދާ އެކަނި އިހްތިޔާރީ މައްދާއެއްގެ ގޮތުގައި ހެދުމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާތީ އެކަމާ ކަންބޮޑުވެވަޑައިގެންނަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވައިވެ އެވެ.


އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތޮފާ ލުތުފީގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހުގެ 10 ން މެންބަރުން ސޮއިކުރައްވާ ހުށަހުއްވާފައިވާ މައްސަލަ މިމަހުގެ 30 ވާ ބުދަ ދުވަހަށް ވަނީ މަޖިލީހަށް އެޖެންޑާކޮށްފަ އެވެ.