ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކޮށް، ވަޒީފާ އަދާކުރާ މީހުންނާއި ދަރިވަރުންވެސް ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހިފައިވާ މި ދަނޑިވަޅުގައި އިންޓަނެޓުގެ ލުއިތަކެއް ނުލިބޭތީ، ކޮމިއުނިކޭޝަންސް އޮތޯރިޓީއާ ސުވާލުކުރަން، އެ އޮތޯރިޓީގެ އިސްވެރިންް މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްދޭން އެދިއްޖެއެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީގެ އިސްވެރިން ކޮމީޓަށް ހާޒިރުކޮށްދިނުމަށް އެދި ހުށަހަޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމެވެ.

މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް މީކާއީލް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ މިއީ ގިނަ ރައްޔިތުން ގޭގައި ތިބެގެން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން މަޖުބޫރުވެ، ދަރިވަރުންވެސް އުނގެނުމުގެ ކަންކަން ގޭގައި ތިބެގެން މަޖުބޫރުވެފައިވާ ދަނޑިވަޅެއް ކަމަށެވެ.

އެހެންކަމުން މުވާސަލާތީ ހިދުމަތް އަދި ހާއްސަކޮށް އިންޓަނެޓުގެ ހިދުމަތަކީ މިވަގުތު ޒަރޫރީ ހިދުމަތަކަށް ވެފައިވާ ކަމަށެވެ. ނަމަވެސް މި ހައްސާސް ދަނޑިވަޅުގައިވެސް ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ހޯދާދީފައި ނުވާކަމަށް އެ ސިޓީގައި ވެއެވެ.

އަދި އެ ކުންފުނިތައް ރެގިއުލޭޓުކުރުމުގެ ބާރާއި ހިދުމަތުގެ އަގު ކޮންޓްރޯލްކޮށް، ފާސްކުރުމުގެ ބާރު ކޮމިއުނިކޭޝަން އޮތޯރިޓީއަށް ލިބިފައިވީނަމަވެސް، އަމިއްލަ އިސްނެގުމަށް، ހާލަތަށް ރިއާޔަތްކޮށް ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށް އެ އޮތޯރިޓީން އެއްވެސް ފިޔަވަޅެއް އަޅާފައިި ނުވާކަމަށް މީކާއީލް ވަނީ ވިދާޅުވެފައެވެ.

"ވީމާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރަމުން ނުދަނީ ކީއްވެތޯ ސުވާލުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 159 ވަނަ މާއްދާގެ ދަށުން، އެ އޮތޯރިޓީގެ އިސްވެރިން، ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްދެއްވުން އެދި ދެންނެވީމެވެ." ސިޓީގައި ވިދާޅުވިއެވެ.