14 Dec 2011, 10:50
މަގުސަދު ހާމަކުރެއްވުމަށް ފަހު، ސިއްރު ކުރެއްވުމުން، ދީން ހިމާޔަތްކުރާ ނަމުގައި ބާއްވަން އުޅޭ މުޒާހަރާއަށް ނިސްބަތް ކުރެވޭ ނުރައްކާތެރިކަން އިތުރުވެގެން ހިނގައްޖެ ކަމުގައި ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ފާހަގަކުރައްވައިފި އެވެ.
ޕްރެސް ސެކްރެޓަރީއާ ހަވާލާދީ ރައީސް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްްގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ، ދިވެހި ރައްޔިތުންގެ ބަޔަކު މެރުމަށް ތަފާތު ތިން ގޮތަކަށް ގޮވާލައްވައި އާންމު ކުރައްވާފައިވާ އިންޓަނެޓް ލިޔުން ހިމެނޭ ވެބްސައިޓަށް ވަނީ އައްޝައިޚް އާދަމް ޝަމީމް ބުނި އިބްރާހީމާއި، އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ އެބޭފުޅުންގެ ނަންފުޅާއި ޝަހުސިއްޔަތު ހިއްސާކޮށްދެއްވާފައި ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ، ހަބަރުފަތުރާ ނޫސް އަދި އިންޓަނެޓް ވެބްސައިޓް ފަދަ ވަސީލަތްތައް ހިންގަވަނީ، ދުވަހު އަދަދު ނެރުއްވާ އުސޫލުން. އެހެންކަމުން، އެބޭފުޅުންގެ ވެބްސައިޓްގެ 11 ވަނަ ދުވަހުގެ އަދަދުގައި އެބޭފުޅުންގެ މަގުސަދުގެ ގޮތުގައި ދެކެވަޑައިގަންނަވާ ޝުއޫރުތައް އެވަނީ ޝާއިއު ކުރައްވާފައި. އެހެންކަމުން، ޖެހިގެން އަންނަ ދުވަސް ދުވަހުގެ އަދަދުގައި އެ ލިޔުން ނެތުމުން، އެމަގުސަދު ނެތް ކަމަށް ނުވަތަ ފާޅުނުކުރައްވާ ކަމަކަށް ނެހެއްދެވޭނެ." ޒުހައިރާ ހަވާލާދީ ރައީސް އޮފީހުން ބުންޏެވެ.
ޒުހައިރާ ހަވާލާދީ ބުނެފައިވާ ގޮތުގައި މިހާރު އެ ލިޔުން ވެބްސައިޓުން ނެގުމުން ދޭހަވަނީ، އެބޭފުޅުން ހާމަކުރައްވާފައިވާ އެވާ ވަރުގަދަ މަގުސަދު ސިއްރު ކުރެއްވީ ކަމުގަ އެވެ. ސަބަބަކީ އެވެބްސައިޓަށް އަމިއްލަ ނަންފުޅާއި ޝަހުސިއްޔަތު ހިއްސާ ކޮށްދެއްވައިގެން ހަރަކާތްތެރިވެވަޑައިގަންނަވާ ދީނީ އެއްވެސް އިލްމުވެރިޔަކު އެޝުއޫރާ ދެކޮޅަށް އެއްޗެއް ވިދާޅުނުވާތާ އިންކާރު ވެސް ކުރައްވާފައި ނެތުން ކަމުގަ އެވެ.
ދީނީ ޢިލްމުވެރިންގެ ނަންފުޅުތައް ނިސްބަތް ކުރެވުމުން، އެބޭފުޅުން އެކަންކަމާ މެދު ފާޅުކަންބޮޑު ގޮތެއްގައި އެއްޗެއް ވިދާޅުނުވާހާ ހިނދަކު ބެލެވޭނީ، ދިވެހިންގެ ބަޔަކު މަރާލުމަށް ގޮވާލުމުގެ ނުބައި އަދި ބޮޑު ޖަރީމާތަކުގެ ފަހަތުގައި ތިއްބެވީ، އައްޝައިޚް އާދަމް ޝަމީމް ބުނި އިބްރާހީމާއި، ޝައިޚް ޢިމްރާން އަބްދުﷲ ފަދަ ބޭފުޅުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ދިވެހި ދީނީ ދަންނަބޭކަލުންގެ އަގު ވެއްޓިދާ ފަދަ މިބާވަތުގެ ތުހުމަތުތަކުން ދުރުހެލިވެވަޑައިގެން، އަމިއްލަފުޅު އިއްޒަތަށްޓަކައި ޖަވާބު ދެއްވުމަށް ޖެހިލުންވެވަޑައިގެންނެވުމުން އެނގެނީ، އެފަދަ ބޭފުޅުންގެ ބައިވެރިވެވަޑައިގަތުން، ސަރުކާރުގެ ސިޔާސީ ވާދަވެރިންނާ ގުޅުން ހުރެގެން، ބޮޑެތި ޖަރީމާތައް ދީނުގެ ނަމުގައި ހިންގެވުމަށް ހިތްވަރު ދެއްވުމުގައި އިސްވެ ތިއްބެވީ ކަމުގައެވެ،" އެ ބަޔާނުގައިވެ އެވެ.
ދީނީ އިލްމުވެރިންގެ ނަންފުޅަށް ނިސްބަތްވާ ގޮތަށް އާންމުކޮށްފައިވާ މި ޝުއޫރުތަކުން ހާމަވާ ނުރައްކާތެރި ޖަރީމާގެ މަގުސަދު، ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމުގައިވެސް އެ ބަޔާނުގައިވެ އެވެ.