މުޅި އިންޑިއާ މިރޭ 12:00 އިން ފެށިގެން ތިން ހަފުތާ އަށް ލޮކްޑައުންކޮށްފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކައިގައި ވިދާޅުވީ ލޮކްޑައުންއަކަށް ދާނީ މިރޭގެ ދަންވަރުންގެ ފެށިގެން 21 ދުވަހަށް ކަމަށެވެ.

އިންޑިއާގެ 519 މީހަކަށް ކޮވިޑް ޖެހިފައިވާއިރު މިހާތަނަށް 10 މީހުން ވަނީ މަރުވެސްވެފައެވެ.

މޯދީ ވިދާޅުވީ 21 ދުވަހަކީ ވަރަށް ގިނަ ދުވަސް ކަމަށާއި ނަމަވެސް މިއީ ސިއްހީގޮތުން ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއް ކަމަށެވެ. އަދި އިންޑިއާއިން ވަރަށް އަވަހަށް ކޮރޯނާގެ މައްޗަށް ކާމިޔާބު ހޯދާނެކަމަށް މޯދީ ވިދާޅުވިއެެވެ.

"21 ދުވަހުގެ ތެރޭ އަޅުގަނޑުމެންނަށް މި ބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ އަޅުގަނޑުމެން 21 އަހަރު ފަހަތަށް ދާން ޖެހިދާނެ،" މޯދީ ވިދާޅުވިއެވެ.

މިއީ ކެތްތެރިވާންވީ ވަގުތު ކަމަށާއި ގޭގެއަށް ނުގޮސް އަމިއްލަ ގޭގައި މަޑުކުރަންވީ ވަގުތުކަންވެސް މޯދީ ފާހަގަކުރެއްވިއެވެ.

އިންޑިއާގައި ކޮރޯނާ ޖެހިފައިވާ މީހުންގެ އަަދަދު އިތުރުވަމުން އަންނައިރު އެގައުމުގައި އެކަށީގެންވާ ވަސީލަތްތަކާއި ބައްޔަށް ޓެސްޓްކުރަން ކިޓްތައް ނެތް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން މީގެ ކުރިންވަރަށް ބޮޑަށް އަމާޒުވިއެވެ.