24 Mar 2020, 16:01
ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ކަރަންޓީނުކޮށްފައި ތިބި މީހުން އެހެން ފެސިލިޓީތަަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ނޭޝަނަލް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އެޗްއައިއެޗްގައި ތިބި މީހުން އެހެން ފެސިލިޓީތަކަށް ބަދަލުކުރަނީ، އެތަން އައިސޮލޭޝަން ފެސިލިޓީއަކަށް ހެދުމުގެ ވިސްނުމުގައި ކަމަށެވެ.
މިހާތަނަށް އެޗްއައިއެޗް ބޭނުން ކުރަމުން އައީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގަ އެވެ. މަބްރޫކް މިއަދު ވިދާޅުވީ ކަރަންޓީނުގައި މިވަގުތު 574 ފަރާތެއް އެބަތިބި ކަމަށާއި، އައިސޮލޭޝަންގައި 19 މީހަކު އެބަތިބި ކަމަށެވެ.
މަބްރޫކް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ، ދިގު މުއްދަތަކަށް ބޭސް ކުރާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން މާލެއާ ވީހާވެސް ކައިރިން ބެލެހެއްޓުން ކަމަށެވެ.
އެހެންކަމުން އެފަދަ ފަރާތްތައް އެޗްއައިއެޗްގައި އެކަހެރިކޮށް، ކަރަންޓީނު ކުރާ ފަރާތްތައް އެހެން ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ފެނިފައިިވާއިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފަ އެވެ.
ނަމަވެސް އިތުރަށް މޮނީޓާ ކުރުމަށް، އެމީހުން ތިބީ އިތުރު ދެ ހަފްތާއަށް ކަރަންޓީނުކޮށްފަ އެވެ.