ރާއްޖޭގައި ކޮރޯނާވައިރަސް ޖެހުނު 13 މީހުންގެ ތެރެއިން ފަސް މީހުން ރަނގަޅުވި ނަމަވެސް، އެ ނަތީޖާ ލުއިކޮށް ނުނަގައި، އިޓަލީ ފަދަ ހާލަތު ގޯސްގައުމުތަކުން އިބުރަތް ހާސިލްކޮށް ދިވެހިން ސަމާލުވެ ތިބުމަށް، ޑރ. މޫސާ މުރާދު އެދިވަޑައިގެންފި އެވެ.

ކޮރޯނާވައިރަހާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުރާދު ވިދާޅުވީ ރާއްޖޭގައި ކޮރޯނާވައިރަހުގެ ސީރިއަސް ކޭސްތައް ފެނިފައި ނުވި ނަމަވެސް، ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަ މަންޒަރުތަކުން އިބްރަތް ހާސިލްކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ބަލަހައްޓަމުންދާ ބައެއް ބަލިމީހުން ނެގެޓިވް ވެފައިވާކަން އަޅުގަނޑުމެން އިއުލާނުކޮށްފައި ވާނީ. ދެން ތިބި ބަލި މީހުންގެ ހާލުވެސް ރަނގަޅު. އެހެން ނަމަވެސް މިވަގުތު އިލްތިމާސް އެއްގެ ގޮތުގައި އަޅުގަނޑު ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ މި ނަތީޖާތައް އެހާ ލުއިގޮތަކަށް ނުނަންގަވާށޭ. ޕޮޒިޓިވް ވީ މީހުންގެ ތެރެއިން އެހާ ބަލިވެގެން ނުދިޔަ ނަމަވެސް އަޅުގަނޑުމެން އެންމެންވެސް ނޫސްތަކުންނާ އެކި ގޮތްގޮތުން މި ބަލީގެ ނުރައްކާ މިދަނީ ކިޔަމުންނޭ ފެންނަމުންނޭ. ދުނިޔޭގައި ބަލި ބޮޑަށް ފެތުރިފައިވާ ގައުމުތަކުގައި މި ބަލީގެެ ކަންތައް ތަހައްމަލު ކުރަމުންދާގޮތް މިދަނީ ފެންނަމުން،" އެއީ އިބުރަތެއް ކަމުގައި ބެލުމަށް އިރުޝާދު ދެއްވަމުން ޑރ. ވިދާޅުވި އެވެ.

ޑރ. މުރާދު ވިދާޅުވީ ބަލީގެ ނުރައްކާ ކޮންމެ ވަގުތަކުވެސް ބޮޑުވެދާނެ ކަމަށް ބަލައިގެން ސިއްހީ މާހިރުންނާއި ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށް ބޯލަނބަން އިލްތިމާސް ކުރައްވާ ކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގެ ޑޮކްޓަރުން ކައިރިން މަންޒަރުތައް ފެންނަ ބޭފުޅުން އެ ދެއްވާ މެސެޖުތައް ގަބޫލުކޮށް އަޅުގަނޑުމެންނަށް ހާލަތެއް މެދުވެރި ނުވާނެގޮތަކަށް އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަށް މިވަގުތު ވަރަށް ބޮޑަށް އިލްތިމާސް ކުރަން،" ޑރ. ވިދާޅުވި އެވެ.

ޑޮކްޓަރުންނާއި ކަމާ ބެހޭ ފަރާތްތަކުން އެންމެ ބޮޑަށް ކުރައްވާ އިލްތިމާސް އަކީ ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް ކުރައްވާ އިލްތިމާސް އެވެ. ނަަމަވެސް އެ އިލްތިމާސް އަށް ބޯނުލަނބައި އަދިވެސް ގިނަ ބަޔަކު އިލްތިމާސް އަށް ފަރުވާލެއް ނުބަހައްޓައި، ބޭރުގައި އުޅޭ އުޅުމަކީ ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރައްވަމުންދާ ކަމެކެެވެ.

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކާ އިއުލާނު ކޮށް، ހޮޓާތަކާއި ކެފޭ ރެސްޓޯރެންޓުތައްވެސް ވަނީ ޑައިން އިން އަށް ބަންދުކޮށްފަ އެވެ. ސަރުކާރު ބަންދުކޮށް ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮށްފައިވާއިރު، މި ނިންމުންތަކުގެ ބޭނުމަކީވެސް ސޯޝަލް ޑިސްޓެންސިން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.