މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ސްރީލަންކާ އިން ރާއްޖެއަށް ސިއްހި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިއްޖެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނާ އާއި ފޯނުން ގުޅުއްވާ، ކޮރޯނާވައިރަހާ ގުޅިގެން ދެގައުމުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފަަ އެވެ.

މި މަޝްވަރާތަކުގައި މިނިސްޓަރު ޝާހިދު ވަނީ މި ބައްޔާއި ގުޅިގެން ލަންކާގެ އެހީ ސިއްހީ ދާއިރާއިން ރާއްޖެއަށް ބޭނުންވެދާނެކަން ހާމަ ކުރައްވައިފަ އެވެ. އެފަދަ އެހީއަކަށް އެދިއްޖެނަމަ، އެ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ވަނީ ދެއްވައިފަ އެވެ.

މިނިސްޓަރު ޝާހިދު ވަނީ މި އުނދަގޫ ދަނޑިވަޅުގައިވެސް، ލަންކާގައި އުޅޭ ދިވެހިންނަށް އެގައުމުގެ ސަރުކާރުން ދެމުންދާ އެހީތެރިކަމާ އެއްބާރުލުން ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ރާއްޖޭގައި ތިބި ލަންކާ ރައްޔިތުންގެ ރައްކާތެރިކަން ދިވެހި ސަރުކާރުން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ޝާހިދު ވަނީ އަރުވައިފަ އެވެ.

ދެބޭފުޅުންވެސް ވަނީ ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔެއަށް، ހާއްސަކޮށް ދެކުނު އޭޝިއާ ސަރަހައްދަށް ކުރަމުންދާ އަސަރުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވައި، މަޝްވަރާ ކުރައްވައިފަ އެވެ. އަދި މި ބައްޔާއެކު ދެ ގައުމުގެ އިގްތިސާދަށް ކުރަމުންދާ އަސަރުތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

ދެބޭފުޅުންވެސް ވަނީ މި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެ ވަޑައިގެންފަ އެވެ.