އަންނަ މަހުގެ 15 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޅ. ކުރެއްދޫ އައިލެންޑް ރިސޯޓު ބަންދުކުރަން ނިންމައިފި އެވެ.

ކުރެއްދޫ އިން ނެރުނު ކުރު ބަޔާނެއްގައި ބުނީ އުނދަގޫ ދަނޑިވަޅުގައި ފަތުރުވެރިންނާއި ދާއިރާގެ ސްޓޭކްހޯލްޑަރުން އަދި ކަމާބެހޭ ފަރާތްތަކުން ދިން އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރާއްޖެއިން ކޮރޯނާވައިރަހުގެ ކޭހެއް އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ އިޓަލީގެ ފަތުރުވެރިއެއް އަނބުރާ ގައުމަށްގޮސް، އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އެންގިފަހުން އެ ރިސޯޓުގައި ހުރި އިރު އޭނާ ބަލިވެގެން ދެއްކި ޑޮކްޓަރާއި އެ ރިސޯޓުގެ ޑައިވް ސެންޓަރުގެ މުވައްޒަފަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފަ އެވެ.

އެއާއެކު ރިސޯޓު ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސިން ހަދައި، ބަލިޖެހުނު މީހުންނާ ކޮންޓެކްޓުވި މީހުން ވަކިން އައިސޮލޭޓުކޮށް ރަށް ވަނީ ހުޅުވާލައިފަ އެވެ.

އެ ރިސޯޓުން ޖުމްލަ ފަސް މީހަކަށް ބަލި ޖެހުނެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ރިސޯޓުން ބުނީ ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ރިސޯޓުން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި ހާލަތަށް ރިއާޔަތްކޮޮށް އަންނަ މަހުގެ 15 އިން ޖޫން މަހުގެ ނިޔަލަށް ރިސޯޓުގެ އޮޕަރޭޝަންތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ދަށުން ހިންގާ ރިސޯޓު ފަސް ދުވަސް ވަންދެން ލޮކްޑައުން ކޮށްފައި އޮތުމަށްފަހު މިމަހުގެ 12 ވަނަ ދުވަހު އެ ރިސޯޓުގައި ތިބި ފަތުރުވެރިންނަށް ވަނީ ފުރޭގޮތް ހަދައިފަ އެވެ. އޭރުވެސް ރިސޯޓުން ވަނީ އާ ފަތުރުވެރިން ނުގެންނާނެ ކަމަށް ބުނެފަ އެވެ.

ކޮރޯނާއާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑިތަނުން މަދުވެ ގިނަ ރިސޯޓުތަކުގެ އޮޕަރޭޝަންތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ. ބައެއް ރިސޯޓުތަކުން ތިން މަހުގެ ޕޭ ލީވްއަކާއެކު މުވައްޒަފުން މަސައްކަތަށް ނެރުން ހުއްޓާލާފައިވާއިރު މުސާރަ ނުހިނގާގޮތަށްވެސް ބައެއް ކުންފުނިތަކުން ވަނީ މުވައްޒަފުން މަސައްކަތަށް ނެރުން ހުއްޓާލައިފަ އެވެ.

މިހާރު ރާއްޖޭގައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރިސޯޓުތަކުގައި ތިބި މުވައްޒަފުން ރިސޯޓުތަކުން ފޭބުން ވަނީ މަނާކޮށްފަ އެެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވި އިރު، ފަސް މީހަކު ވަނީ ރަނގަޅު ވެފަ އެވެ.