24 Mar 2020, 13:32
އަންނަ ހަފްތާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޭގައި ތިއްބަވައިގެން އިންޓަނެޓު މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ފާސްކޮށްފި އެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް މިއަދު ވަނީ މަޖިލީހުގައި މަޝްވަރާ މަޖިލީހެއް ބާއްވައިފަ އެވެ.
މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި، މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ފާސްކޮށްފައި ވަނީ އަންނަ ހަފްތާއިިން ފެށިގެން މެމްބަރުން ގޭގައި ތިއްބަވައިގެން މަސައްކަތް ކުރެއްވުމަށެވެ.
އެ ޖަލްސާއަށް ފަހު ރައްޔިތުންގެ މަޖިލީހުން ކުރި ޓުވީޓެއްގައި ބުނީ އަންނަ ހަފުތާއިން ފެށިގެން މަޖިލީހުގެ މަސައްކަތްތައް މެންބަރުން ގޭގައި ތިއްބަވައިގެން އިންޓަނެޓް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ.
ކޮރޯނާވައިރަހާ ގުޅިގެން މި ހަފްތާ ސަރުކާަރު ބަންދުުކޮށްފައިވާއިރު، މި ހަފްތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ބާއްވައިފައެއް ނުވެ އެވެ.
އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ ބުދަ ދުވަހު އެވެ. އެދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދުނުކުރެވޭނެ ކަމަށާއި، ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ވީނަމަވެސް މަޖިލީހުގެ ސްޓާފުންނާއި، މަޖިލީހުގެ މަސައްކަތްތަކުގައި އުޅޭ ގިނަ ފަރާތްތައް ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.
މިފަދަ ދަނޑިވަޅެއްގައި މަޖިލީހުގެ ގާނޫނީ ޒިންމާ އަދާކުރާނެ ކަމަށާއި، ސަރުކާރުން މަޖިލީހުގެ އެހީ ބޭނުންވާ ކޮންމެ ގަޑިއެއްގައި އެ މަސައްކަތަށް އަވަސްވެ ގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނަޝީދު ވަނީ ދެއްވައިފަ އެވެ.