ބެއިޖިން (މާޗް 24): ޗައިނާގައި ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރުނު ހޫބެއި ޕްރޮވިންސުގެ ވެރިރަށް ވޫހާން ފިޔަވާ ހުރިހާ ސަރަހައްދެއް މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށް އެގައުމުންް ބުނެފި އެވެ.

ހޫބެއިގެ ހެލްތު ކޮމިޝަނުން ބުނި ގޮތުގައި އެ ޕްރޮވިންސުގެ ވޫހާން ފިޔަވާ ހުރިހާ ސަރަހައްދަކަށް އަރާ ފޭބުން މާދަމާއިން ފެށިގެން ހުއްދަ ކުރާނެ އެވެ. އަދި ވޫހާންގައި ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ހުރަސްތައް ލުއި ކުރާނީ އަންނަ މަހުގެ އަށެއްގަ އެވެ.

ހޫބެއި އިން އެފަދައިން ނިންމާފައި ވަނީ މިދިޔަ ހަފްތާގެ އަންގާރައިގައި އެ ޕްރޮވިންސުން އެއްވެސް މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް ރިޕޯޓު ކުރި ފަހުންނެވެ.

ޗައިނާއިން ވޫހާންއާ އެކު ހޫބެއިގެ ގިނަ ސަރަހައްދުތައް ބަންދު ކުރީ ޖެނުއަރީ މަހުގެ ފަހުކޮޅުގަ އެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރާއި ރޭލުގެ ހިދުމަތް ހުއްޓުމަކަށް އައެވެ. އަދި ގެއިން ބޭރުގައި މީހުން އެއްވެ އުޅުންވެސް މަނާ ކުރި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނި ގޮތުގައި ހޫބެއި ކަރަންޓީނު ކުރުމުން އެ ސަރަހައްދުން ބޭރުން އެތައް ހާސް މީހުންނަށް ވައިރަސް ޖެހުން ހުއްޓުވުނު ނަމަވެސް، އޭގެ ސަބަބުން ވައިރަސް ޖެހިގެން ހޫބެއިގައި މަރުވި މީހުންގެ އަަދަދު އިތުރުވި އެވެ.

އެއީ ހޫބެއިގައި ގިނަ އަދަދެއްގެ މީހުން ބަލިވެ، ހޮސްޕިޓަލްތައް ފުރި، ވަސީލަތްތައް ވެސް ބޭނުންވާ ވަރަށް ނެތުމުން އެތައް ބަޔަކަށް ފަރުވާ ނުދެވުމުންނެވެ.

ނަމަވެސް ފަހަކަށް އައިސް ހޫބެއިގައި ވައިރަސް ޖެހޭ ވަރު މަދުވުމުން އެ ޕްރޮވިންސުގެ ނުރައްކާ ކުޑަ ސަރަހައްދުތަކުގެ މީހުން މަސައްކަތަށް ދިޔުމަށް ހުއްދަ ދޭން ވަނީ ފަށާފަ އެވެ. ނަމަވެސް އެއީ ސިއްހަތު ރަނގަޅުކަން ޔަގީންކޮށްދޭ ލިޔުމެއް އެމީހުންގެ އަތުގައި އޮތް ނަމަ އެވެ.

މީގެ އިތުރުން، މިދިޔަ ޑިސެމްބަރު މަހު ވައިރަސް ފެތުރެން ފެށި ފަހުން ފުރަތަމަ ފަހަރަށް ރައީސް ޝީ ޖިންޕިން ވަނީ މިމަހުގެ 10ގައި ވޫހާންއަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ވޫހާންގައި ހެދި ހުރިހާ ވަގުތީ ހޮސްޕިޓަލްތައް އޭގެ ފަހުން ވަނީ ބަންދުކޮށްފަ އެވެ.

ޗައިނާގައި މިހާތަނަށް 81،500އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހި، އޭގެ ސަބަބުން 3،281 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލި ޖެހުނު 73,277 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ޗައިނާގައި ވައިރަސް ޖެހޭ ވަރު މަދުވި ނަމަވެސް އެގައުމުން ބޭރުގައި ވައިރަސް ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ޗައިނާއަށް ފަހު ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އިޓަލީގައި މިހާތަނަށް 63،900އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، 6,077 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެވައިރަސް ވަނީ 150އަށް ވުރެ ގިނަ ގައުމުން ފެނިފަ އެވެ.