ސިވިލްސާވިސް މުވައްޒަފުންގެ މުސާރައިން އުނިކުރި ފައިސާ އަކީ ދޭންޖެހޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރިހުކުމް އިލްތިމާސް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަވަސް ކޮށްދިނުމަށް ސީއެސްސީން ސުޕްރީމް ކޯޓުގައި އެދެފި އެވެ.

ކޮމިޝނުން ބުނީ އެ މައްސަލަ އަވަސް ކޮށްދިނުމަށް އެދި ހޯމަ ދުވަހު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުން އުނިކުރި ބައި އިއާދަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފަހުން ދެ އަހަރު ވެފައިވާއިރު ޝަރުއީ މަރުހަލާއިން އެ މައްސަލައަށް އެދެވޭ ހައްލެއް ލިބިފައި ނުވާކަން ސިޓީގައި ފާހަގަ ކޮށްފައިވާނެ ކަމަށެވެ.

އެ މައްސަލައަކީ ރައްޔިތުންތަކެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ކޯޓުތަކާއި ބެހޭ ގާނޫނުގެ ދަށުން އެކަށީގެންވާ ހަލުވި މިނެއްގައި އެ މައްސަލަ ނިންމައި ދިނުމަށް ވެސް ސީއެސްސީން ވަނީ އެދިފަ އެވެ.