14 Dec 2011, 09:40
ބެއިޖިންގ (ޑިސެމްބަރ 14) : އިންސާނީ ޙައްޤުތަކުގެ ނަމުގައި ޗައިނާގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަން މަސައްކަތް ނުކުރުމަށް ޗައިނާ ސަރުކާރުން އެމެރިކާއަށް އިންޒާރުކޮށްފި އެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން ލިޔޯ ވުމިން ވިދާޅުވި ގޮތުގައި އިންސާނީ ޙައްޤުތަކުގެ ނަމުގައި ޗައިނާގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނުމުގެ ފުރްސަތު އެމެރިކާ އަށް ނުދޭނެ ކަމުގަ އެވެ. ލިޔޯ ވިދާޅުވީ ޚުދުއެމެރިކާއަކީ ވެސް ފުޅާދާއިރާއެއްގައި އިންސާނީ ހައްޤުތަކަށް އަރައިގަންނަމުން ގެންދާ ޤައުމެއް ކަމަށާއި އެމެރިކާގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ވެސް އެމެރިކާ އަށް ޙިމާޔަތް ނުކުރެވޭ ޙާލަތުގައި އެމެރިކާ އޮތްއިރު އަމިއްލަ ޤައުމުގެ އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމުގެ މައްސަލަ އެމެރިކާ އިހްމާލް ކޮށްފައިވާ ކަމުގަ އެވެ.
ލިޔޯގެ ވާހަކާގައި ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތައް ސިޔާސީ ހަތިޔާރަކަށް ހަދައިގެން އެހެންޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްކުރެއްވި އެވެ.
ޗައިނާ މިމޭރުމުން ވާހަކަ ދައްކާފައި މިވަނީ ޗައިނާގެ އިންސާނީ ހައްޤުތަކަށް ފާޑުވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރާ ވަޒީރާ ހިލަރީ ކްލިންޓަން ދާދިފަހުން ދެއްވި ބަޔާނަކާ ގުޅިގެންނެވެ. މިބަޔާނުގައި ޗައިނާ އިން އިންޓަރނެޓް ބޭނުންކުރުމުގެ ފުރިހަމަ މިނިވަންކަން އެޤައުމުގެ ރައްޔިތުންނަށް ނުދޭކަމަށް ވިދާޅުވެ ހިލަރީ ވާހަކަ ދައްކަވާފައިވެ އެވެ.
މިކަމަށް އިޝާރާތް ކުރައްވަމުން ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން ލިޔޯ ވިދާޅުވީ އިންސާނީ ޙައްޤުތަކުގައި އެމެރިކާ ގެންގުޅެނީ ދެމިންގަނޑެއް ކަމުގަ އެވެ. މިގޮތުން އެއްކޮޅުން އިންޓަނެޓް ބޭނުންކުރުމުގެ މިނިވަންކަން ޗައިނާގައި ނޯންނަކަމަށް އެމެރިކާ ބުނާއިރު ޚުދު އެމެރިކާ، ވިކިލީކްސްގެ މުވައްޒަފުންނާއި އެސައިޓަށް މަޢްލޫމާތުދޭ ފަރާތްތަކަށް ބިރުދައްކައި އެސައިޓަށް ހުރަސްއަޅަމުންދާ މައްސަލަ ލިޔޯ ފާހަގަ ކުރެއްވި އެވެ.
އެމެރިކާގެ އިންސާނީ ހައްޤުތަކާބެހޭ ގޮތުން ޗައިނާނެރޭ އަހަރީ ރިޕޯޓްގައި އެމެރިކާ އިން އެޤައުމުގެ ފަގީރުންނާއި ނިކަމެތިންގެ ޙައްޤުތައް ޙިމާޔަތްނުކުރުމާއި ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތަކާ ބެހޭ މުޢާހަދާގައި ސޮއިކުރުމަށް ދެކޮޅުހެދުމާއި ފައިސާއާއި ވެރިކަމުގެ ބާރުގައި އެމެރިކާގެ ރައްޔިތުންނަށް މަކަރުހަދައި އޮޅުވާލުމާއި ހަނގުރާމަކޮށްގެންނާއި ވައިގެ ޙަމަލާތައްދީގެން ކުށެއްނެތް ޢާންމުންގެ އެތައް ހާސްބަޔަކު އެމެރިކާ މަރަމުންގެންދާ މައްސަލަ ފާހަގަކޮށްފައިވެ އެވެ. (ޔުނައިޓެޑް ޕްރެސް)