24 Mar 2020, 12:44
މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަން ނުވަތަ ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ ޖުލައިން އޮގަސްޓުމަހަށް ބާއްވަން ނިންމާފައި އޮތް އޮލިމްޕިކްސް ގޭމްސް ފަސްކުރާނެ ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ)ގެ މެންބަރަކު ވިދާޅުވެއްޖެ އެވެ.
އައިއޯސީގެ މެމްބަރު ޑިކް ޕައުންޑް އިއްޔެ އެމެރިކާގެ ނޫހެއް ކަމަށްވާ ޔޫއެސްއޭ ޓުޑޭއަށް ވިދާޅުވި ކަމަށް ބުނެ އެ ނޫހުން ބުނީ އޮލިމްޕިކްސް އަންނަ އަހަރު ބޭއްވުން ގާތް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އެ ކޮމެޓީން އަދި ސީދާ ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
"ގޭމްސް ގައިމުވެސް ޖުލައި 24 ގައި ނުފަށާނެ.އެވަރު އަހަންނަށް ޔަގީންކަމާއެކު ބުނެވިދާނެ" ޑިކް ވިދާޅުވި ކަމަށް ބުނެ ޔޫއެސްއޭޓުޑޭއިން ރިޕޯޓްކޮށްފައިވެ އެވެ.
އޮލިމްޕިކްސް މިއަހަރު ބާއްވަން ނިންމާފައިއޮތީ ޖަޕާންގަ އެވެ.
ޖަޕާންގެ އޮލިމްޕިކްސް ކޮމެޓީގެ ރައީސް އަސުރީރޯ ޔަމަޝީތާވެސް އޮލިމްޕިކްސް ފަސްކުރުމާމެދު ވިސްނަމުންދާކަމަށް ރޮއިޓާސްއިން މިއަދު ރިޕޯޓްކޮށްފައިވެ އެވެ.
އަންނަ ޖުލައި މަހު އޮލިމްޕިކްސް ބޭއްވިޔަސް ކެނެޑާ އަދި އޮސްޓްރޭލިއާގެ އެތުލީޓުން ވަނީ މުބާރާތުގައި ބައިވެރިނުވާނެއެެވެ. އެ ދެގައުމުން އޮލިމްޕިކް ކޮމެޓީންވެސް ވަނީ މުބާރާތް ފަސްކުރަން ޖަޕާންއަށް ގޮވާލައިފަ އެވެ.
އޮލިމްޕިކްސްއަކީ މުޅި ދުނިޔޭގައިވެސް ބާއްވާ އެންމެ ބޮޑެތި މުބާރާތްތަކުގެ ތެރެއިން މުބާރަތެކެވެ. އެ މުބާރާތުގައި 206 ގައުމަކުން 11.000 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެއެވެ.
ކޮރޯނާއާ ގުޅިގެން މިއަހަރު ބާއްވަން ނިންމާފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ވަނީ ފަސްކޮށްފައެވެ.