ރިސޯޓުތަކުން ދައުލަތަށް ދައްކާ ކުލި މައާފުކޮށްދެނީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ މުއްދަތަށް ކަމަށާއި ރިސޯޓު ތަކުގައި ކަރަންޓީނު ކުރާ ކޮންމެ މީހެއްގެ ބޮލަށް 14 ދުވަހަށް 5250 ރުފިޔާ އަރާ ކަމަށް ދައުލަތުން ބުނެފި އެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރުގެ ބޭނުމަށް ރިސޯޓުތައް ނަގާ ގޮތާއި ކުލި ދެއްކުމުގައި އަމަލުކުރާ ގޮތުގެ ތަފްސީލު ދެއްވާފަ އެވެ.

މަބްރޫކް ވިދާޅުވީ ކަރަންޓީނު ކުރަން ރިސޯޓުތައް ނަގަނީ ވަކި ގޮތަކަށް އެއްބަސްވުމެއް ހަދައިގެން ކަމަށާއި އެގޮތުން މިހާލަތުގައި ރިސޯޓަކުން ސަރުކާރުގެ ބޭނުމަކަށް ނަގާ ކޮންމެ ކޮޓަރިއަކަށް 750 ރުފިޔާ ކުލީގެ ގޮތުގައި ސަރުކާރުން ދައްކާ ކަމަށެވެ.

"[ސަރުކާރާ ރިސޯޓުތަކާ ދެމެދު ހަދާފައިވާ] އެގްރިމަންޓުތަކަށް ބަލާއިރު، އެގްރިމަންޓުތަކުން ތަން ދޭ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، ތިން މަސް ދުވަހަށް މި ރިސޯޓުތައް ސަރުކާރުގެ ބޭނުމަށް ނެގިދާނެ ކަމަށް. އަދި އެ މުއްދަތު އެއަށްވުރެ އިތުރުކުރަން ފެނިއްޖެނަމަ މުއްދަތު ވެސް އިތުރު ކުރެވިދާނެ. މިކަން ކުރުމުގައި ސަރުކާރުން އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭނެ" މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން ކެއުމާއި ކަރަންޓު، ފެން، ލޯންޑްރީ، ރޫމް ސާވިސް އަދި ރަށް ސާފުކުރުން ފަދަ އޮޕަރޭޝަނަލް ހިދުމަތްތައް ދޭން ޖެހޭނީ އެ ރިސޯޓެއްގެ ހަރަދުގައި ކަމަށް ވެސް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"މީގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކޮންމެ ރިސޯޓެއްގެ ކޮޓަރިއަކަށް [ދެ އެނދު ހުންނަ އަދި ސަރުކާރުގެ ބޭނުމަށް ނަގާ ކޮޓަރި] 750 ރުފިޔާގެ މަގުން ފައިސާ ދެމުންދާ ގޮތަށް ހަމަޖެހިފައި އޮންނަނީ." މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ބޮލަކަށް ޖެހޭވަރުން ބަލައިފިނަމަ (ކޮންމެ މީހަކަށް 375 ރުފިޔާ) މިއީ މާބޮޑު އަދަދެއް ނޫން ކަމަށާއި ނަމަވެސް ފެސިލިޓީތަކުގައި ތިބި މީހުންގެ އަދަދަށް ބަލައިފިނަމަ ކުރަން ޖެހިފައިވަނީ ބޮޑު ހަރަދެއް ކަމަށެވެ.

އެގޮތުން މި ފެސިލިޓީތަކުގައި މިހާރު 550 މީހުން އެބަތިބި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކުލީގެ ގޮތުގައި ދުވާލަކަށް ދެ އެނދުގެ ކޮޓަރިއަކަށް 750 ރުފިޔާ ދައްކާއިރު، މިވަގުތު ކަރަންޓީނުގައި ތިބި 550 މީހުންނަށް ޖުމުލަކޮށް ދުވާލަކު 206،250 ރުފިޔާ ދައުލަތުން ހަރަދު ކުރަން ޖެހެ އެވެ. ކަރަންޓީނު ކުރާ 14 ދުވަހުގެ މުއްދަތުގައި އެ 550 މީހުންނަށް ޖުމުލަކޮށް 2،887،500 (ދެ މިލިއަން އަށްލައްކަ އަށްޑިހަ ހަތްހާސް ފައްސަތޭކަ) ރުފިޔާ ހަރަދުވާނެ އެވެ.

ހަމައެއާއެކު ރިސޯޓުތަކުން ދައުލަތަށް ދައްކާ ކުލި މައާފު ކުރަނީ މިގޮތަށް ސަރުކާރުން ރިސޯޓުތައް ނަގައިގެން ބޭނުންކުރާ މުއްދަތަށް އެކަނި ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް19ގެ ނުރައްކަލާއެކު މިވަގުތު ރާއްޖޭގައި 10 އަކަށްވުރެ ގިނަ ކަރަންޓީނު ފެސިލިޓީ ވަނީ ގާއިމުކޮށްފަ އެވެ. މި ބައްޔަށް ރާއްޖޭން 13 މީހަކު ޕޮޒިޓިވްވި އެވެ. އޭގެ ތެރެއިން މިހާރު ފަސް މީހަކު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.