ހަލުވި ކަމާއެކު އިޓަލީގައި ފެތުރެމުންދާ ކޮރޯނާ ނުވަތަ ކޮވިޑް-19 ކޮންޓްރޯލް ކުރަން އުފެއްދި ޓާސްކްފޯސްގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ ދަށުން 8000 އެއްހާ އިޓަލީގެ ޑޮކްޓަރުން ވޮލަންޓިއަރުންގެ ގޮތުގަިއ ނިކުމެއްޖެއެވެ.

މިއީ އިޓަލީގެ ސަރުކާރުން ހޯދަން ބޭނުންވެގެން އުޅުނު މީހުންނަށްވުރެ 25 ގުނަ އިތުރު އަދަދެކެވެ. އިޓަލީގެ ސިވިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްއިން ހޯދަން ބޭނުންވީ 300 ޑޮކްޓަރުންނެވެ. އެއީ ކޮވިޑް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އިޓަލީގެ ލޮމްބަރުދޭއާއި އެމީލިއާ ރޮމަންގާ ސަރަހައްދުގައި މަސައްކަތް ކުރުމަށެވެ.

ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ހުޅުވާލިތާ 24 ގަޑިއިރުތެރޭ 7900 ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ.

އިޓަލީގެ ސިވިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްއިން ބުނީ އެންމެ ބޮޑަށް ބޭނުންވަނީ އެނެސްތެޓިސްޓުން ކަމަށެވެ. ނަމަވެސް ކޮންމެ ފީލްޑެއްގެ ޑޮކްޓަރުންނަށްވެސް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށް އެޑިޕާޓްމަންޓްއިން ބުންޏެވެ.

އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް އިޓަލީގެ 23،000 މީހުންނަށް ވަނީ ބަލިޖެހިފައެވެ. އޭގެ ތެރެއިން 3000 މީހުންގެ ހާލު ވަރަށް ސީރިއަސްވެސް މެއެވެ.

އިޓަލީގެ ދެ ޑޮކްޓަރުން މިދިޔަ ހަފްތާގައި މަރުވިއިރު މިހާތަނަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެގައުމުގެ 23 މީހަކު ވަނީ މަރުވެފައެވެ.

އިޓަލިއަން ހަޔާ ހެލްތު އިންސްޓިއުޓްއިން ބުނީ އެހައުމުގެ މެޑިކަލް ސްޓާފުންގެ ތެރެއިން މިހާތަނަށް 4800 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. މިއީ އެގައުމުން ކޮވިޑް ޖެހުނު މީހުންގެ ނުވަ ޕަސެންޓްއެވެ.

ކޮވިޑްއާ ގުޅިގެން މުޅި އިޓަލީ މިހާރު އޮތީ ލޮކްޑައުންވެސް ކޮށްފައެވެ.