ތެހެރާން (ޑިސެމްބަރ 13) : އީރާނަށް ޖާސޫސުކުރަމުން ގެންދިޔަ 15 މީހުންގެ ނެޓްވާރކެއް ހައްޔަރުކޮށްފިކަން އެޤައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ޢައްބާސީ ޖަޢްފަރީ ހާމަކުރައްވައިފި އެވެ.

ޢައްބާސީ ވިދާޅުވީ މި 15 ޖާސޫސުން މަސައްކަތްކުރަމުން ގެންދިޔައީ އިސްރާއީލާއި އެމެރިކާގެ މަސްލަޙަތަށް ކަމަށާއި މިބައިމީހުން ގެންދިޔައީ އީރާނުގެ ޢިލްމީ އަދި ޙައްސާސީ މަރުކަޒުތަކާ ބެހޭ ސިއްރު މަޢްލޫމާތު ހޯދައި އީރާނުގެ އެކިފަންތީގެ މީހުންނަށް އެކިއެކި ސްކޯލަރޝިޕް ފަދަ ހުށަހެޅުންތައް ހުށަހަޅައިގެން އެމެރިކާއަށް ގެންދިޔުމަށް މަސައްކަތް ކަމުގައެވެ.

ޢައްބާސީއާ ޙަވާލާދީ އީރާނުގެ ފާރިސް ނޫސް އެޖެންސީ ބުނި ގޮތުގައި މިނެޓްވާކުގެ މީހުން އީރާނަށް ޖާސޫސުކުރުމަށްޓަކައި ތުރުކީ، މެލޭޝިޔާ އަދި ޔޫއޭއީ ފަދަ ޤައުމުތަކުގައިވާ އެމެރިކާގެ އެންބަސީތަކާއި ކޮންސިއުލޭޓްތައް ބޭނުންކޮށްފައިވާ ކަމަށް މިބައިމީހުން އެއްބަސްވެފައިވާ ކަމުގަ އެވެ. ނަމަވެސް މި 15 މީހުން ނިސްބަތްވާ ޤައުމުތަކެއް އަދި މިބައިމީހުން އަތުލައިގަތްގޮތެއް އީރާނުން ހާމަކޮށްފައެއްނުވެ އެވެ.

އީރާނުގައި ދާދިފަހުން ހިންގި ބޮންގޮއްވުމުގެ ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައި ވެސް އެމެރިކާ އާއި އިސްރާއީލުވާކަމުގެ ރިޕޯޓްތަކެއް ވަނީ ފެތުރިފަ އެވެ. އީރާނުގެ ނިއުކްލިޔާ މަރުކަޒަކާއި ބެލަސްޓިކް ޢަސްކަރީ ސައިޓަކަށް އަމާޒުކޮށް ހިންގި މިޓެރަރިސްޓް ޙަމަލާތަކަށް ތާއީދުކުރައްވައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާއި ދިފާޢީ ވަޒީރު އިހޫދް ބަރާކްވަނީ ވާހަކަ ދައްކަވާފައިފަ އެވެ.

މިދިޔަ މޭމަހު ވެސް އީރާނުން ވަނީ އެ ޤައުމުގައި މަސައްކަތްކުރަމުން ގެންދިޔަ އެމެރިކާގެ ޖާސޫސީ ވިޔުގައެއް ހައްޔަރުކުރިކަން އިޢްލާންކޮށްފަ އެވެ. (އަލްޖަޒީރާ)