23 Mar 2020, 20:44
ކޮރޯނާވައިރަސް، ކޮވިޑް-19އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި ސިނަމަން ހަކުރާހުރާ ރިސޯޓާއި، ކްލަބް މެޑް ކަނިފިނޮޅު ރިސޯޓާއި، އަނަންތަރާ ދިގު ރިސޯޓާއި ސޭންޑީސް ބަތަލާ ރިސޯޓުގައި ތިބި މީހުން އެ ވައިރަހަށް ނެގަޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
މިރޭ އެޗްޕީއޭއިން ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ، ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކުލަބް މެޑް ކަނިފޮނިޅުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އެ ރަށްތައް މޮނިޓަރިންގެ ހާލަތުން ނެގިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ހަކުރާހުރާ ރިސޯޓުން ޝައްކު ކުރެވުނު މީހާއާ ކޮންޓެކްޓުވި ގިނަ ބަޔަކު މިއަދު ވަނީ އެކަހެރިކޮށްފަ އެވެ. އެއާޕޯޓްގައި މަސައްކަތް ކުރާ ކަސްޓަމްސްގެ 17 މީހަކާއި އެމްއޭސީއެލްގެ 41 މީހަކާއި އިމިގްރޭޝަންގެ މީހެއް އަދި ޓީއެމްއޭގެ ތިން މީހުންނާ އެކު ޖުމްލަ 62 މީހުން އެކަމާ ގުޅިގެން އެކަހެރިކުރި އެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާއަށް ޕޮޒިޓިވްވީ 13 މީހުންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފަ އެވެ.
އެހެންނަމަވެސް، މިފަހުން ރާއްޖެ އައި ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ މަރުއާން ފެލެއިނީ އަނބުރާ ޗައިނާއަށް ދިޔަ ފަހުން އޭނާ ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭނާއާ ކޮންޓެކްޓުވި ދެ މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނާތީ ޓެސްޓު ދަނީީ ކުރަމުންނެވެ. އަދި އެ ދެ މީހުން މާލޭގައި ދިރިއުޅޭ ދެ ގެ ވަނީ މޮނިޓަރިންއަށް ގެނެސްފަ އެވެ.