23 Mar 2020, 20:31
ސައުދީ އަރަބިއްޔާގައި ކޮރޯނާވައިރަސް، ކޮވިޑް-19 ފެތުރޭ މިންވަރު މައްޗަށްދާތީ އެ ރޯގާ ކޮންޓްރޯލް ކުރުމަށް ކާފިއު އިއުލާން ކޮށްފިވާތީ އެ ގައުމުގައި ދިރުއުޅޭ ދިވެހިން އިތުރަށް ސަމާލުުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދެފި އެވެ.
ސައުދީގައި ރޭގަނޑު 7:00 އިން ހެނދުނު 6:00 އަށް 21 ދުވަސްވަންދެން މަގުތަކަށް މީހުން ނިކުތުމާއި އެއްވެއުޅުން ވަނީ މަނާކޮށްފައެވެ.
"މި ދުވަސްތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އަދި މިވަގުތު ތިބި ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން އެކި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއެކު، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިން، ފޮރިން މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން، ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރކުރުމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީންކުރަން ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރުކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ މިމިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.
ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީ މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި ފޮރިން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.