ސައުދީއަރަބިއްޔާގައި ހުންނަ މާތްވެގެންވާ މައްކާއިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ 72 ކޭސް އަލަށް ފެނިއްޖެއެވެ.

ސައުދީން އިއްޔެ އެކަނިވެސް ކޮރޯނާ ވައިރަސް ހުރި 119 މީހުން ވަނީ ފެނިފައެވެ. އެއާއެކު އެ ގައުމުން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 511 އަށް އަރައިފައެވެ.

ސައުދީގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު މުހައްމަދު އަލް އަބްދު އަލް އަލީ ވިދާޅުވީ އެންމެ ގިނައިން އިއްޔެ ކޭސްތައް ފެނުނީވެސް މައްކާއިން ކަމަށެވެ. އެއަށް ފަހު ދެން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ވެރިރަށް ރިޔާޒުންނެވެ. ރިޔާޒުން ވަނީ 34 ކޭސް ފެނިފައެވެ.

އަލީ އިތުރަށް ވިދާޅުވީ ކޮރޯނާ ވައިރަސް ޖެހުނު ހަތަރު މީހަކަށް އެބަލި ޖެހިފައިވަނީ މީހުން އެއްވެ އުޅޭތަންތަނަށް އެއްވުމުން ކަމަށެވެ.

ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރެއިން 17 މީހަކު ރަނގަޅުވެފައިވާ ކަމަށްވެސް ސައުދީން ބުނެއެވެ.

ސައުދީގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ކޮރޯނާއަށް މިހާތަނަށް 23،000 މީހުން ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ކުުރަން އިތުުރު ފިޔަވަޅުތައް އަޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ގޮވާލަނީ އެންމެންވެސް ގޭގައި ތިބެން. މި ނުރައްކާތެރި ވައިރަހުން ސަލާމަތްވާން އެންމެ މޮޅު ގޮތަކީ މިއީ" ތަރުޖަމާނު ވިދާޅުވިއެވެ.

ކޮރޯނާވައިރަސް މުޅި ދުނިޔޭގެ 350،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 15،000 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހި، މަރުވެފައެވެ.