މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިގެން އިޓަލީން ފާއިތުވި 24 ގަޑިއިރު ތެރޭ އެކަނިވެސް 800 އެއްހާ މީހުން މަރުވެެއްޖެއެވެ.

އެއާއެކު މުޅި ދުނިޔެއިންވެސް ކޮރޯނާ ޖެހިގެން އެންމެ ގިނައިން މީހުން މަރުވި ގައުމަކަށް އިޓަލީ ވަނީ ވެފައެވެ. އިޓަލީން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 5،000 އަށް އަރައިފައެވެ.

ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު އިޓަލީން 53،578 އަށް އަރައިފައިވާއިރު 2،857 މީހުންގެ ހާލު ވަރަށް ސީރިއަސްވެެސް މެއެވެ.

ކޮރޯނާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިޓަލީގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ ލޮމްބަރުޑީގައެވެ. އެ ސަރަހައްދުގެ 25،000 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު 3095 މީހުން ވަނީ މަރުވެފައެވެ.

ބަލި ކޮންޓްރޯލްކުރުމުގެ ގޮތުން އިޓަލީން ވަނީ ކޮންމެހެން ޒަރޫރީ ނޫން ހުރިހާ ވިޔަފާރިތަކެއް ބަންދުކޮށްފައެވެ. ބަންދުނުކުރާ ހިދުމަތްތަކަކީ ފާމަސީތަކާއި، ސުޕަމާކެޓްތަކާއި ބޭންކް އަދި ޕޯސްޓްގެ ހިދުމަތެވެ.

" މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖެހުނު އެންމެ ބޮޑު މުސީބާތް." އިޓަލީގެ ބޮޑުވަޒީރު ޖުސޭޕޭ ކޮންޓޭ ފޭސްބުކްއަށް ލެއްވި ވީޑިއޯއެއްގައި ވިދާޅުވިއެވެ.

ކޮރޯނާވައިރަސް މުޅި ދުނިޔޭގެ 350،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 15،000 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހި، މަރުވެފައެވެ.