ޖެނީވާ (23 މާޗް 2020): ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާ ވައިރަހަށް ތިން ލައްކަ ސާޅީސް ނުވަ ހާސް މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި އެރޯގާގެ ނުރައްކާ ދަނީ ބޮޑުވަމުން ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

އެޖަމްއިއްޔާއިން ބުނެފައިވަނީ ފާއިތުވި ހަތަރު ދުވަހު މި ވައިރަސް ފެތުރިފައިވަނީ ރެކޯޑު މިންވަރަކަށް ކަމީ ކަންބޮޑުވާ ކަމެއްކަމުގައެވެ.

ޑަބްލިޔޫއެޗްއޯ އިން ނެރުނު ތަފާސްހިސާބުތައް ބުނާގޮތުން ފާއިތުވި ހަތަރު ދުވަހުގެތެރޭގައި އެކިގައުމުތަކުގެ އެއްލައްކަ މީހުންނަށް ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހިފައިވެއެވެ. މި އެއްލައްކަ މީހުންގެ ތެރެއިން 80 ޕަސެންޓަކީ އިޓަލީ، ޔޫރަޕްގެ އެހެން ގައުމުތައް، އީރާން، އަދި އެމެރިކާއިން މި ބަލި ޖެހުނު މީހުންނެވެ. ދުނިޔޭގެ 182 ގައުމަކަށް މިރޯގާ ފެތުރިފައިވާއިރު އޭގެތެރެއިން ގިނަ ގައުމުތަކުގައި ފެތުރިފައިވަނީ ވަރަށް ކުޑަކޮށެވެ.

ޗައިނާގައި ކޮރޯނާ ވައިރަސް ކޮންޓްރޯލް ކޮށްފައިވާއިރު ކޮރޯނާ ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެމުންދަނީ އިޓަލީ، އީރާން، އަދި އެމެރިކާގައެވެ. ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް ދުނިޔޭގެ އެކި ގައުމުތަކުން މަރުވި މީހުންގެ އަދަދު 15،000 އަށް އަރާފައިވާއިރު އެއްލައްކަ މީހުންނަށް ޝިފާ ލިބިފައިވެއެވެ. މިހާރު އެރޯގާއަށް ފަރުވާ ދޭ މީހުންގެ އަދަދަކީ ދެ ލައްކަ ތިރީސް ހަތަރު ހާހެވެ.

ތިރީގައިމިވަނީ ފާއިތުވި 36 ގަޑީއިރު ތެރޭގައި ކޮރޯނާ ވައިރަސް ގެ ހާލަތު ދުނިޔޭގެ ބައެއް ގައުމުތަކުގައި ހުރި ގޮތުގެ ކުރު ޚުލާސާއެކެވެ.

ބެލްޖިޔަމް: ބެލްޖިޔަމްގައި ފާއިތުވި 36 ގަޑިއިރު ތެރޭގައި 342 މީހުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެ އެރޯގާ ޖެހުނު މީހުންގެ އަދަދު 3743 އަށް އަރާފައިވެއެވެ.

އީރާން: އީރާނުގައި ފާއިތުވި 36 ގަޑިއިރު ތެރޭގައި 1411 މީހުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެ އެރޯގާ ޖެހުނު މީހުންގެ އަދަދު 23049 އަށް އަރާފައިވެއެވެ. އެރޯގާއި އީރާނުން ޖުމްލަ 1812 މީހުން މަރުވެފައިވެއެވެ.

ފިލިޕީންސް: ފިލިޕީންސްގައި ފާއިތުވި 36 ގަޑިއިރު ތެރޭގައި 82 މީހުންނަށް އަލަށް ޕޮޒިޓިވްވެ ޖުމްލަ ޕޮޒިޓިވް މީހުންގެ އަދަދު 462 އަށް އަރާފައިވެއެވެ.

ޕާކިސްތާން: ޕާކިސްތާނުގައި މިހާތަނަށް ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް މީހުންގެ އަދަދު 800 އަށް އަރައި ހަ މީހުން މަރުވެފައިވެއެވެ.

އިސްރާއީލު: ފާއިތުވި 36 ގަޑީއިރު ތެރޭގައި އިތުރު 135 މީހުން ކޮރޯނާ އަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 1238 އަށް އަރާފައިވެއެވެ.

ރަޝިއާ: ފާއިތުވި 36 ގަޑީއިރު ތެރޭގައި 71 މީހުން އަލަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 438 އަށް އަރާފައިވެއެވެ.

މެލޭޝިއާ: ފާއިތުވި 36 ގަޑިއިރު ތެރޭގައި 11 މީހުން އަލަށް ޕޮޒިޓިވްވެ ޕޮޒިޓިވް ޖުމްލަ އަދަދު 3000 އަށް ވުރެ މައްޗަށް ގޮސްފައިވެއެވެ.

އިޓަލީ: ފާއިތުވި 36 ގަޑިއިރު ތެރޭގައި އަލަށް 651 މީހުންނަށް ރޯގާ ޖެހުނު މީހުންގެ ޖުމްލަ އަދަދު 53،000 އަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. މި ރޯގާގައި އިޓަލީގައި މިހާތަނަށް ޖުމްލަ 6000 މީހުންވަނީ މަރުވެފައެވެ.

ސްޕެއިން: ފާއިތުވި 36 ގަޑިއިރު ތެރޭގައި އަލަށް 1720 މީހުންނަށްޖެހި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 29 ހާހަށް އަރާފައިވެއެވެ. މަރުވި މީހުންގެ އަދަދު 1720 އަށްވުރެ މައްޗެވެ.

ފަރަންސޭސިވިލާތް: ފާއިތުވި 36 ގަޑިއިރު ތެރޭގައި އަލަށްޖެހުނު މީހުންގެ އަދަކީ 112 އެވެ. ޖުމްލަ އަދަދަކީ ގާތްގަނޑަކަށް 8 ހާހެވެ. މަރުވި މީހުންގެ އަދަދަކީ 674 އެވެ.

ތައިލެންޑް: ފާއިތުވި 36 ގަޑީއިރު ތެރޭގައި އަލަށްޖެހުނު މީހުންގެ އަދަކީ 122 އެވެ. ޖުމްލަ އަދަދަކީ 721 އެވެ. މަރުވެފައިވަނީ 52 އެވެ. ޝައްކުކުރެވިގެން ޓެސްޓް ހަދާ 668 މީހުން އެބަތިއްބެވެ.

ދެކުނު ކޮރެއާ: ފާއިތުވި 36 ގަޑީއިރު ތެރޭގައި އަލަށްޖެހުނު މީހުންގެ އަދަދަކީ 64 އެވެ. ޖުމްލަ އަދަދަކީ 8961 އެވެ. މަރުވި މީހުންގެ އަދަދަކީ 110 އެވެ.

ސައުދީ އަރަބިޔާ: ފާއިތުވި 36 ގަޑީއިރު ތެރޭގައި އަލަށްޖެހުނު މީހުންގެ އަދަދަކީ 119 އެވެ. ޖުމްލަ އަދަދަކީ 511 އެވެ.

އޮސްޓްރޭލިއާ: އޮސްޓްރޭލިއާގައި މިހާތަނަށް 1100 މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވެއެވެ.

ޔުނައިޓެޑް އަރަބް އިމަރޭޓްސް: މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 153 އެވެ. މަރުވެފައިވަނީ ދެ މީހުންނެވެ.

ޗައިނާ: ފާއިތުވި ހަތަރު ދުވަހުވެސް ޗައިނާގެ އެތެރެއިން ކޮރޯނާވައިރަސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. ނަމަވެސް ބޭރުގައުމުތަކުން ޗައިނާއަށް އަންނަ މީހުންގެ ތެރެއިން ބައެއްމީހުން ޕޮޒިޓިވް ވެފައިވެއެވެ. އެމީހުން ތިބެނީ ކަރަންޓީނު މަރުކަޒުތަކުގައެވެ.

އިންޑިއާ: އިންޑިއާގައި ކޮރޯނާ ވައިރަސް ޖެހުނުކަން ކަށަވަރުވެފައިވާ މީހުންގެ އަދަދަކީ 422 އެވެ. އެރޯގާގައި މަރުވެފައިވަނީ 7 މީހުންނެވެ. ނަމަވެސް އިންޑިއާގައި ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ އެތަށް ސަތޭކަ ބަޔަކު އުޅޭކަމަށްވެއެވެ.

ޝައްކުކުރެވޭ ހުރިހާ މީހުން ކޮރޯނާ ވައިރަސް އަށް ޓެސްޓް ކުރުމުގެ ގާބިލްކަން އިންޑިއާގައި ނެތުމުންނާއި އިންޑިއާގެ ހާލަތު ހުރިގޮތުން އެފަދަ މީހުންވަނީ އެރޯގާއަށް ޓެސްޓް ނުކުރެވިއެވެ. އިންޑިއާއަކީ ކޮރޯނާ ވައިރަސް ބާރަށް ފެތުރުމުގެ ބިރު ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ކޮރޯނާ އާ ކުރުމަތިލުމަށްޓަކައި އިންޑިއާއިންވަނީ އެގައުމުގެ ސިޓީތައް ބަންދުކުރުމުގެ އޮޕަރޭޝަނެއް ފަށާފައެވެ.

(ޑަބްލިޔޫއެޗްއޯ ގެ ތަފާސް ހިސާބުތައް + ނޫސްއެޖެންސީތައް)