އިސްލާމް ދީނުގެ ދިފާއުގައި އަންނަ ހަފްތާގެ ހުކުރު ދުވަހު ބާއްވާ ބޮޑު މުޒާހަރާ ކުރާ މީހުން "ކުޑަ ކަކޫ މައްޗަށް ތިރިކުރާނެ" ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުން އިގުރާރުވި ގަރާރަށް އެ ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ ދެކޮޅު ހައްދަވައި، ބޮޑު މުޒާހަރާ ދިފާއު ކުރައްވައި ވާހަކަފުޅު ދައްކަވައިފި އެވެ.

އެމްޑީޕީގެ އިއްޔެ ހަވީރު ބޭއްވި ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގެ މަރަހަލާގައި އަލްހާން ވަނީ "23ޑިސެންބަރު" ވެބްސައިޓްގައި ޝާއިރުކުރި ލިޔުންތަކާ ބެހޭ ގޮތުން ޝެއިހް މުހައްމަދު ޝަހީމް އަލީ ސައިދު ދެއްކެވި ވާހަކަފުޅުތަކަށް ތާއިދު ކުރައްވާފަ އެވެ.

އިސްލާމް ދީނަށް ގޮންޖަހާ މީހުން މެރުމަށް ލިޔެފައިވާ ޝިއާރުތައް ބަދަލުކުރީ ޖޫސޫސީ ފަރާތްތަކުން ކަމަށް ބުނެ ޝަހީމް ދެއްކެވި ވާހަކަފުތަކާ ގުޅުވައި އަލްހާން ވިދާޅުވީ "މީހުން މަރާނެ ވާހަކަ އާއި އެކި ބާވަތުގެ އިންޒާރުތަކެއް ފެތުރިގެން ދިއުމާމެދު" ބޮޑު މުޒާހަރާ ކުރާ މީހުން އިންކާރު ކުރާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ހުށަހެޅުއްވި ގަރާރުގައި ދީނުގެ ނަމުގައި ވަކި ބަޔަކު މަގުފުރެއްދުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރާ ނަމަ އެކަން ކަށަވަރު ކުރަން ޖެހޭނީ ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުން ކަމަށެވެ. އަދި ޣައިރު ގާނޫނީ އެއްވުމަކާ އެކު މުޒާހަރާ ކުރަން ބަޔަކު އުޅޭ ނަމަ އެމީހުންނާ ދެކޮޅަށް އެމްޑީޕީ ނުކުތުމުގެ ބަދަލުގައި އެކަން ކުރަން ޖެހޭނީ ގާނޫނު ތަންފީޒު ކުރަން ޖެހޭ ފަރާތްތަކުން ކަމަށް އަލްހާން ވިދާޅުވި އެވެ. އަދި މިމަހުގެ 23 ވަނަ ދުވަހު އެމްޑީޕީން ނުކުންނަން އިގްރާރުވަނީ "ބަޔަކު ހަޅޭއްލަން އުޅޭތީ ކުރިމަތިލައި ތަޅާފޮޅުމަކަށް ދާންތޯ؟" އަލްހާން ސުވާލު ކުރެއްވެވި އެވެ.

ގައުމީ މަޖިލީހަށް ހާޒިރުވި 52 މެންބަރުންގެ ބައްދަލުވުމުގައި ތިބި ވަޒީރުންނާއި މަޖިލީހުގެ މެންބަރުން ތިބި މަޖިލީހުގައި އަލްހާން ވަނީ ބޮޑު މުޒާހަރާ ކުރަން ޖެހޭ ސަބަބުތައް ބަޔާންކޮށް، ވާހަކަ ދައްކަވައިފަ އެވެ. ވިދާޅުވީ ބޮޑު މުޒާހަރާއަކަށް ބަޔަކު ނުކުންނަނީ ސިޔާސީ ބޭނުމަކަށޭ ބުނެ، އެމްޑީޕީން ތުހުމަތު ކުރާއިރު އެމީހުން މުޒާހަރާ ކުރަނީ ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބުދު ހިމެނޭ މޮނިއުމަންޓެއް ބެހެއްޓި މައްސަލަ އާއި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ހައިކޮމިޝަނަރު ނަވަނެތަމް ޕިއްލޭ ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ކަމަށެވެ.

އިސްލާމްދީނުގެ ދީނުގެ ދިފާއުގައި މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުން ނުކުންނަން އުޅޭ ވާހަކަތައް އަޑު އިވެންފެށި ހިސާބުން އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތު ދޭންޖެހޭނެ ކަމަށް ބުނެ ދީނީ މިނިވަން ކަމަށް ގޮވާލި މީހުންގެ މައްސަލަ ބެލެން ޖެހޭނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

"އާޓްފިޝަލް ބީޗަށް ޒުވާނުންތަކެއް އެއްވެ ދީނީ މިނިވަންކަމަށް ގޮވާލައި، ތިމަންނަމެނަށް ވެސް އެހެންދީންތަކަށް ފުރުސަތު ލިބެންޖެހޭނެއޭ ބުނެ ކަންތައްކެއްކޮށްފި. އެކަންތައްތަކުގެ ތަހުގީގު ހިނގަން އެބަޖެހޭ އެކަންކަން ވެސް ބެލެންއެބަޖެހޭ. މީހުން މަރާނެ ކަމުގެ އިންޒާރު ދިނީމަ އެ މައްސަލަތައް ވެސް ފެށިގެން ހިގައްޖެ."

އެމްޑީޕީން ގައުމީ މަޖިލީހަށް ހާޒިރުވި 52 މެންބަރުންގެ ތެރެއިން ހަތް މެންބަރަކު ދެކޮޅު ހެދި ގަރާރުގައި ބުނެފައި ވަނީ އިސްލާމް ދީނަކީ ދިވެހިންގެ ހިތްތަކާ ކުޅެން ބޭނުން ކުރާ އެއްޗަކަށް ހަދައިގެން ޝައިތާނީ މަގުސަދުތައް ހާސިލް ކުރުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. އަދި އެ މަގުސަތުތައް ހާސިލް ކުރުމަށް މި މަހުގެ 23 ވަނަ ދުވަހު ނުކުންނަ މުޒާހަރާއާ ދެކޮޅަށް އެމްޑީޕީ ނުކުންނަން އިގުރާރުވާ ކަމަށެވެ. އެ ގަރާރަށް އަލްހާނާ އެކު ދެކޮޅު ހެދި މެންބަރުންގެ ތެރޭގައި މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގު އާއި ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމް ހިމެނެ އެވެ.

އެމްޑީޕީގެ ގަރާރުގައި އިތުރަށް ބުނަނީ "ސުންނަތަށް ގޮންޖަހައި މަކާރިމުންގެ ރީތި ހުލްގު ފުޅުތަކަކީ ކަމުނުދާ ސިފަތަކެއް" ކަމަށް ބުނެ ހީލަތްތެރި ރޭވުންތަކެއް ބަޔަކު ރާވާ ކަމަށެވެ. އަދި ކާބަފައިންގެ ބުރަ މަސައްކަތަށް މަލާމާތާއި ފުރައްސާރަ ރައްދުކޮށް ދިވެހިން މެރުމަށް ފާޅުގައި ބަޔަކު ގޮވާފައިވާ ކަމަށެވެ. އަދި ޅަޖީލުތަކަށް "ޑްރަގުގެ އަޑު ތަކުރާރުކޮށް އިއްވަމުންގޮސް އެ ޖީލުތައް އެ ވަބާގައި ޖެއްސި ގޮތަށް" ބަޔަކު އަޅުކަން ކުރާ ބާތިލް ތަކެތީގެ އަޑުތައް ތަކުރާރުކޮށް އިއްވަން ފަށާފައިވާ ކަމަށެވެ.

ރީކޯ މޫސަ ހުށަހެޅުއްވި އެ ގަރާރަށް ތާއިދު ކުރެއްވި މާފަންނު އުތުރު ދާއިރާއިގެ މެންބަރު އިންތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ 23 ޑިސެންބަރުގައި ނުކުންނަން އުޅޭ މީހުންނަކީ އިސްލާމް ދީނުގެ މިލްކުވެރިކަން ބޭނުމުގައި އުޅޭ ބައެއް ކަމަށާއި އެ މީހުންނަކީ ދީނުން ވައްކަން ކުރަން އުޅޭ ބައެއް ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރާނަމަ 23 ޑިސެންބަރުގައި އެމްޑީޕީން ނުކުމެ އެ މީހުން ކުޑަކަކޫ މައްޗަށް ތިރި ކުރާނެ ކަމަށް އިންތި ވިދާޅުވި އެވެ.