ސިނަމަން ހަކުރާހުރާ ރިސޯޓު (މ. ހަކުރާހުރާ)އިން ކޮރޯނާވައިރަހަށް ޝައްކުކުރެވޭ އަލާމަތްތަކެއް ފެނިގެން އެކަހެރި ކުރި މީހާއާ ބައްދަލުވި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންތަކެއް އެކަހެރިކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

ސިނަމަން ހަކުރާހުރާއިން މީހެއްގެ ފަރާތުން އަލާމާތްތައް އިއްޔެ ފެނުމާ ގުޅިގެން އެ ރިސޯޓުން ވަނީ މިހާރު މޮނީޓަރިން ހާލަތުގަ އެވެ.

މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ހަކުރާހުރާ އިން އަލާމާތްތައް ފެނުނު މީހާ އެކަހެރިކޮށް މިހާރު ޓެސްޓު ސާމްޕަލްތައް ނަގާފައިވާ ކަމަށެެެވެ. އަދި އެ އެ ކޭސްއާ ގުޅިގެން ޖުމްލަ 62 މީހަކު އެކަހެރިކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

"މީގައި ހިމެނޭ ކަސްޓަމްސްގެ 17 ފަރާތަކާއި އެމްއޭސީއެލްގެ 41 ފަރާތަކާއި އިމިގްރޭޝަންގެ އެއް ފަރާތަކާއި ޓީއެމްއޭގެ ތިން ސްޓާފެއް،" މަބްރޫކު ވިދާޅުވި އެވެ.

މިހާތަށް 673 ސާމްޕަލް ނެގި އިރު، 660 ސާމްޕަލް ވައިރަހަށް ނެގަޓިވްވެފައިވާ ކަމަށެވެ. މީހަތަނަށް 13 މީހަކު ވައިރަހަށް ޕޮޒިޓިވްވި އިރު، ފަސް މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ. ވައިރަސް ޖެހުނު އަށް މީހަކަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.