23 Mar 2020, 16:03
ކޮރޯނާ އާ ގުޅިގެން ޗައިނާ އިން ރާއްޖެއަށް އެހީ ފޮނުވުމަށް ދަތިވަނީ އެކަށީގެންވާ ރޫޓެއް ނެތުމުން ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.
ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ އާ ގުޅިގެން ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގެ ކިބައިން އެދިފައިވާ އެހީ ފޮނުވުމަށް ތައްޔާރުވެފައިވާ ކަމަށާއި އެހީ ފޮނުވާނެ މަގެއް ހޯދުމަށް މަސައްކަތްކުރަމުން ދާކަމަށެވެ.
ސަފީރު ވިދާޅުވީ ޗައިނާ އިން އެހީއަށް ބޭނުންވި ވަގުތު ދިވެހިން އެހީވެދިން ކަމަށާއި، ދިވެހިންނަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ.
ރާއްޖެ އާއި ޗައިނާ އާ ދެމެދު ވައިގެ ދަތުރުފަތުރު ވަގުތީ ގޮތުން މެދުކަނޑާލާފައިވާ އިރު، ބައިނަލްއަގުވާމީ ގިނަ ފްލައިޓްތައް ވެސް ހުއްޓާލާފައި އޮތުމުން ރާއްޖެއަށް ޗައިނާއިން މުދަލާއި މީހުން ގެނައުމަށް ގިނަ ހުރަސްތަކެއް މިހާރު ވަނީ ކުރިމަތިވެފަ އެވެ.
ޗައިނާ ސަފީރުގެ ޓްވީޓާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށާއި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ހުއްޓުމުގެ ސަބަބުން ފްލައިޓްތައް ހޯދުމަށް ދަތިވާނެކަން ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީ އަވަސް މުސްތަގުބަލެއްގައި ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށީ ޗައިނާގަ އެވެ. ޗައިނާގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖެއިން ވަނީ އެއް މިލިއަން މަސްދަޅު ހަދިޔާކޮށްފަ އެވެ.
ކޮރޯނާވައިރަހާ ދެކޮޅަށް ރާއްޖެ އިން އަޅަމުން ގެންދަނީ ވަރަށް އުނދަގޫ އެހެން ނަމަވެސް ވަރަށް ފާހަގަކޮށްލެވޭ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަނީ މީގެ ކުރިން ސަރުކާރުގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވައިފަ އެވެ.
ޗައިނާގެ ވިޔަފާރިވެރިޔާ ޖެކް މާ ވެސް ވަނީ ރާއްޖެ ހިމެނޭގޮތަށް އޭޝިއަ ސަރަހައްދުގެ ގިނަ ގައުމުތަކަކަށް އެހީ ދެއްވާނެެކަން ހާމަ ކުރައްވައިފައެވެ.
ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށީ ޗައިނާގެ ވޫހާން ސިޓީގައެވެ. އެ ސިޓީ އާއި އެ ސިޓީ ހިމެނޭ ޕްރޮވިންސް ބަންދުކޮށް، ޗައިނާ ސަރުކާރުން ވައިރަހާ ދެކޮޅަށް ފެށި މަސައްކަތުން މިހާރު ވައިރަސް ފެތުރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލުކޮށްފައެވެ.