23 Mar 2020, 15:49
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އެއްވެސް އަސަރެއް ފެންނަ ނަމަ އެކަން ސިއްރު ނުކޮށް، ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް އެދެފިއެވެ.
ކޮރޯނާ އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ބަލީގެ ކަންތައްތަކާ ގުޅިގެން ހަރަކާތްތެރިވާ ޑޮކްޓަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ރާއްޖެއަށް ބޭރުން މީހުން އަންނަހިނދަކު، ބަލީގެ ބިރު އޮންނާނެ ކަމަށާއި، ސޯޝަލް އައިސޮލޭޝަން އަށް ބާރު އަޅަނީ ބަލި ފެތުރުމުގެ ބިރު އޮތުމުން ކަމަށެވެ.
ރާއްޖެއިން ކޮރޯނާ އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ފަސް މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފައެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ވިދާޅުވީ ބަލިން ބަޔަކު ފަސޭހަވީނަމަވެސް ދިވެހިންނަށް އޮތް ރިސްކު ކުޑަ ނުވާ ކަމަށެވެ.
"ގޭގައި އެކަހެރިވެގެން ތިބުން ހުއްޓާލަން ވީކީއެއް ނޫނޭ މީގެ މާނައަކީ. ސަބަބަކީ ރާއްޖެއިން ބޭރުން އަދިވެސް މީހުން އެބަ އާދޭ. އަދި ހަމަ އެއާއެކީގައި ބަލިމީހުންނަށްވެސް އެބަ ފަރުވާދެމުން ދޭ. އެމީހުންނާ ކޮންޓެކްޓު ވީ މީހުންވެސް އައިސޮލޭޝަންގައި ބައިތިއްބާފާ ތިބީ،" ޑރ. ވިދާޅުވިއެވެ.
ޑރ. ވިދާޅުވީ މި ދުވަސްވަރު ސޯޝަލް އައިސޮލޭޝަންގެ ބޭނުމަކީ ކޮންމެ ބަލި މީހެއްގެ ފަރާތުންވެސް ދެތިން މީހުންނަށް ބަލި ފެތުރިފައި ހުރެދާނެތީ ކަމަށާއި އެމީހުންގެ ފަރާތުން އަލުން އެހެން ބަޔަކަށް ބަލި ފެތުރިދާނެތީ ކަމަށެވެ.
"ބޭނުމަކީ މި ޗެއިން ބްރޭކް ކުރުން. ސަބަބަކީ މި އެންމެން ރިކަވާ ވުމުގެ ކުރިން، އަދި އަދިވެސް ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު މި އެންމެން ނެގެޓިވް ވުމުގެ ކުރިން އަޅުގަނޑުމެންނަށް މި ރިިސްކު އޮންނާނެ އަބަދުވެސް،" ޑރ. ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ދަތުރު ކުރާއިރުވެސް، އަދި ރާއްޖޭގައި ހުރި ނަމަވެސް އެއްވެެސް ކަހަލަ އަލާމާތެއް ފެނުނު ނަމަވެސް ސިއްރު ނުކޮށް ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށް، ޓެސްޓު ކުރުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ޑރ. އެދިލެއްވިއެވެ.
"ހަމަ އެއާއެކީީގައި މިހާރު ބައްދަލުވާ މީހުންނާ ދެވޭ ތަންތަން ވަރަށް ރަނގަޅަށް ހަނދާނުގައި ބަހައްޓަން ޑޮކްޓަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
"ބައެއް ފަހަރަށް އެބަ ދިމާވޭ ކޮންމެވެސް ތަނަކުން ދިިމާވި މީހެއް ދުވަސް ކޮޅެއް ފަހުން އޭނާ ޕޮޒިޓިވް ވެފައި އެބަ ހުރޭ. އެކަހަލަ ހާލަތެއް ދިމާވެއްޖެއްޔާ، ދެން އަޅުގަނޑުމެން ދެވުނީ ކޮންތަނަކަށްތޯ، ބައްދަލުވީ ކޮންބަޔަކާތޯ ނޭނގޭނަމަ ކޮންޓްކްޓް ޓްރޭސިން ހަދަން ވަށް ބޮޑަށް އުނދަގޫވާނެ،" ޑރ. ވިދާޅުވިއެވެ.
އެހެންކަމުން ސޯޝަލް އައިސޮލޭޝަންގައި ތިބުމަށާއި، ބަލި ފެތުރިއްޖެ ނަމަ ހުރިހާ އެންމެންނަށްވެސް މިއީ ބޮޑު ކާރިސާއެއްގެ ގޮތުގައި ދެމިގެން ގޮސްދާނެ ކަމެއްކަން ޑޮކްޓަރު ހަނދާންކޮށްދެއްވިއެވެ،
ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުން ފުޓްބޯޅަ ކުޅުންތެރިޔާ ފެލައިނީ ކޮރޯނާ އަށް ޕޮޒިޓިވް ވިކަން އެންގުމާ ގުޅިގެން އޭނަ އާ ކޮންޓެކްޓުވި މީހުން ދެނެގަނެ ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފެލައިނީ ކޮވިޑް19 އަށް ޕޮޒިޓިވްް ވެފައިވާކަން އެނގުނީ މި މަހުގެ 20 ވަނަ ދުވަހު، ޗައިނާގައި ހުއްޓައެވެ. ފެލައިނީ ބައްޔަށް ޕޮޒިޓިވް ވެފައިިވަނީ، މި މަހުގެ އަށަކުން 12 އަށް ވަން އެންޑް އޮންލީ ރީތި ރަށުގަައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުންނެވެ.
އެއާއެކު ފެލައިނީގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަނީ ފަށައިފައެވެ. އަދި މިހާތަނަށް އޭނާއާ ބައްދަލުވި ތިން މީހަކު ވަނީ އެކަހެރިކޮށްފައެވެ.
ފެލައިނީއާ ކްލޯޒް ކޮންޓެކްޓުވި ދެ މީހަކު އެކަހެރިކޮށްފައި ވަނީ އެ ދެމީހުންގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެންނާތީ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.
ކޮރޯނާވައިރަސް އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން މިކަމަށް ހާއްސަކޮށްފައި ހުންނަވާ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، މާލެ އިން މޮނިޓަރިން އަށް ލާފައިވާ ދެ ގެއަކީ، ފެލައިނީ އާ ކްލޯޒް ކޮންޓެކްޓުވި ދެމީހުން ދިރިއުޅޭ ގެ ކަމަށާއި، އެ ދެ ގެ މޮނިޓަރިންއަށް ލާފައި ވަނީ އެ ދެމީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ފެލައިނީއާ ކޮންޓެކްޓުވި މީހުން، ޓްރޭސް ވަންދެން މަޑުނުކޮށް އަމިއްލައަށް އެޗްޕީއޭއަށް ރިޕޯޓު ކުރުމަށް މަބްރޫކް ރޭ ވަނީ އިލްތިމާސްކުރައްވައިފައެވެ.