23 Mar 2020, 15:16
ރާއްޖެއިން ދިޔަފަހުން ކޮވިޑް19 އަށް ޕޮޒިޓިވްވި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު މަރުއޯން ފެލައިނީ އާ ބައްދަލުވި ދެ މީހުން މާލޭގައި ދިރިއުޅެމުން އަންނަ ދެ ގެއެއް މޮނިޓަރިންނަށް ލާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ފެލައިނީ ކޮވިޑް19 އަށް ޕޮޒިޓިވްް ވެފައިވާކަން އެނގުނީ މި މަހުގެ 20 ވަނަ ދުވަހު، ޗައިނާގައި ހުއްޓައެވެ. ފެލައިނީ ބައްޔަށް ޕޮޒިޓިވް ވެފައިިވަނީ، މި މަހުގެ އަށަކުން 12 އަށް ވަން އެންޑް އޮންލީ ރީތި ރަށުގަައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުންނެވެ.
އެއާއެކު ފެލައިނީގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަނީ ފަށައިފައެވެ. އަދި މިހާތަނަށް އޭނާއާ ކްލޯޒް ކޮންޓެކްޓުވި ދެ މީހަކު ވަނީ ވެލިދޫ ކަރަންޓީނު ފެސިލިޓީގައި އެކަހެރިކޮށްފައެވެ.
އެ ދެ މީހުން އެކަހެރިކޮށްފައި ވަނީ އެ ދެމީހުންގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެންނާތީ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.
ކޮރޯނާވައިރަސް އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން މިކަމަށް ހާއްސަކޮށްފައި ހުންނަވާ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، މާލެ އިން މޮނިޓަރިން އަށް ލާފައިވާ ދެ ގެއަކީ، ފެލައިނީ އާ ކްލޯޒް ކޮންޓެކްޓުވި ދެމީހުން ދިރިއުޅޭ ގެ ކަމަށާއި، އެ ދެ ގެ މޮނިޓަރިންއަށް ލާފައި ވަނީ އެ ދެމީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މޮނިޓަރިން އަށް ލާފައިވާ ތަންތަނަށް މީހުން ވަދެ ނުކުމެ އުޅުން މަނާވާނެއެވެ. އެ ގެތައް މޮނިޓަރިންގެ ހާލަތުން ދޫކޮށްލާނީ ޓެސްޓުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ.
މަބްރޫކް މިއަދު ވިދާޅުވީ ފެލައިނީ ރާއްޖެ އައި ރޫޓު އަދި ދަންނަވަން ނޭނގޭ ކަމަށާއި، ނަމަވެސް އޭނާ ރާއްޖެ އައީ ޗައިނާއިން ނޫން ކަމަށެވެ. މަބްރޫކް މީގެ ކުރިން ވިދާޅުވީ ފެލައިނީއަށް ބަލިޖެހިފައި ވަނީ އޭނާ ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ޗައިނާއިން ކަމަށެވެ.
އެހެން ނަމަވެސް ފެލައިނީއާ ކޮންޓެކްޓުވި މީހުން ހޯދުމުގެ މަސައްކަތް އެޗްޕީއޭ އިން އަންނަނީ ކުރަމުންނެވެ. އެގޮތުން އޭނާ ޗުއްޓީ ހޭދަކުރި ރީތިރަށް ރިސޯޓުން އޭނާއާ ކޮންޓެކްޓް ވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް މަބުރޫކު ވިދާޅުވިއެވެ.
ކުޅުންތެރިޔާއާ ބައްދަލުވެ ކައިރި ކޮންޓެކްޓެއް ވެފައިވާނަމަ 1676 ގުޅައި ރިޕޯޓު ކުރުމަށް މަބުރޫކު އެދިލެއްވިއެވެ. އަދި ބައެއް ފަރާތްތަކުން މިހާރުުވެސް ހޮޓްލައިނަށް ގުޅާ، ކޮންޓެކްޓުވެފައިވާކަން ރިޕޯޓުކޮށްފައިވާކަމަށް މަބްރޫކް މިއަދު ވިދާޅުވިއެވެ. ނަމަވެސް އަދަދެއް ހާމައެއް ނުކުރައްވައެވެ.
އޭގެ އިތުރުން ފެލައިނީ ދަރުކުރީ އެއާޕޯޓުން ކަމަށް ވާތީ އޭނާއާ ކޮންޓެކްޓް ވި މީހަކު މާލެ ސަރަހައްދުގެ އުޅެދާނެކަމަށް ބަލައި އިތުރަށް ސަމާލުވުމަށް މަބުރޫކު އެދިލެއްވިއެވެ.
ޗައިނާގެ ސުޕަ ލީގަށް މިހާރު ކުޅޭ ފެލައިނީ ވައިރަސް އަށް ޕޮޒިޓިވްވި ކަން އެނގިފައިވަނީ އޭނާ ޗައިނާގެ އިރުމަތީ ޕްރޮވިންސް އެއް ކަމަށްވާ ޝެންޑޮންގް ވެރި ރަށް ސިނާން އަށް ދިޔުމުންނެވެ. ރޭލުން އޭނާ ސިނާން އަށް ގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.