ރަޖިސްޓްރީކޮށްގެން ހިންގާ އޮންލައިން ނޫހެއް ކަމަށްވާ ދި އިސްލާމްގެ އެގްޒެކެޓިވް އެޑިޓަރު އަލީ އަހުސަން ފުލުސް އޮފީހަށް މިރޭ ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އަހުސަން މިރޭ ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ "ދި އިސްލާމް" ވެބްސައިޓް އުފެއްދީ ކާކުތޯ އާއި އެ ވެބްސައިޓް ރަޖިސްޓްރީ ކޮށްފައި ވަނީ ކާކުގެ ނަމުގައިތޯ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ކޮމްޕިއުޓަރު ހާޑް ޑިސްކް ވެސް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ.

" އަޅުގަނޑާ ސުވާލުކުރީ ވެބްސައިޓް ހެދީ ކާކުތޯއާ، ވެބްސައިޓް ރަޖިސްޓްރީ ކޮށްފައި ވަނީ ކާކުގެ ނަމެއްގައިތޯ، އަދި ވެބްސައިޓާ ބެހޭ އެހެނިހެން ސުވާލުތައް ވެސް ކުރި،" އަހުސަން ވިދާޅުވިއެވެ.

އަހުސަން ފުލުސް އޮފީހަށް ހާރިރުކުރި މައްސަލައިގާ ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ 23 ޑިސެމްބަރު މުޒާހަރާގެ ވެބްސައިޓްގައި ބައެއް މީހުން މަރަން ގޮވާލި މައްސަލަ ތަހުގީގު ކުރަމުންދާތީ، އެ މައްސަލައިގާ އެކި މީހުންނާ ސުވާލު ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޒާހަރާގެ ވެބްސައިޓްގައި ބައެއް ފަރާތްތައް މަރަން ގޮވާލާފައިވާ ލިއުންތަކެއް ހުރި މައްސަލައިގާ އަދާލަތުޕާޓީގެ ރައީސް ޝެއިޚު އިމްރާން ޢަބުދުﷲ އާއި މަދަނީ އިއްތިހާދުގެ ރައީސް އަބުﷲ މުހައްމަދު ވެސް މިއަދު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

އެމައްސަލައިގާ މުޒާހަރާ އިންތިޒާމްކުރާ ފަރާތްތަކުން ފުރަތަމަ ބުނެފައި ވަނީ އެލިއުންތައް އަޕްލޯޑް ކުރެވުނީ ޓެކްނިކަލް އެރާއެއްގެ ސަބަބުން ކަމަށެވެ. އަދި އޭގެ ފަހުން މިއަދު އަދާލަތު ޕާޓީގެ ރައީސްގެ ވަކީލެއްގެ ހައިސިއްޔަތުން ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ޝެއިޚު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އެލިއުންތައް ވެބްސައިޓަށް ލީ ޖާސޫސުންގެ ތެރެއިން ބަޔަކު ކަމަށް ބެލޭ ކަމަށެވެ.