13 Dec 2011, 22:17
އިސްލާމްދީން ހިމާޔަތް ކުރުމަށް ގޮވާލައި މަދަނީ އިއްތިހާދުން މި މަހު 23 ވަނަ ދުވަހު ބާއްވާ ބޮޑު މުޒާހަރާ އާ ދިމާކޮށް ހަމަ އެ ދުވަހު އެމްޑީޕީންވެސް މުޒާހަރާ ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު ހަވީރު ޣިޔާސުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އިން އެ ދުވަހު މުޒާހަރާ ކުރުމަށް ފާސްކުރީ އެ ޕާޓީގެ ގައުމީ ޖަލްސާއަށް ހާޒިރުވި 52 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ތާއީދާ އެކުއެވެ.
ގައުމީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރަކު ގަރާރަށް ވޯޓުދީފައެއް ނުވެ އެވެ. އޭގެތެރޭގައި އެ ޕާޓީގެ ނާއިބު ރައީސް އަލްހާން ފަހުމީ އާއި މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގުހިމެނެއެވެ.
ގަރާރު ފާސްކުރުމުގެ ކުރިން ގަރާރަށް ބަހުސްކުރި އިރު އަލްހާން ވިދާޅުވީ މަދަނީ އިއްތިހާދާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރަން އުޅޭ މުޒާހަރާއަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ކަމަށެވެ.
އަދި ވިދާޅުވީ ދީން ބޭނުންކޮށްގެން ބަޔަކު މަގުފުރައްދާ ނުވަތަ އެހެނިހެން މަގުސަދުތައް ހާސިލުކުރަން ބަޔަކު ނުކުންނަކަން އައިޑެންޓިފައި ކުރެވިއްޖެ ނަމަ އެކަމާ ކުރިމަތިލާން ޖެހެނީ އެމްޑީޕީގެ މެންބަރުން މަގުމަޗަށް ނުކުމެގެންތޯ ނުވަތަ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުންތޯ ބަލަން ޖެހޭކަމަށެވެ.
އޭނާ ވިދާޅުވީ އާޓިފިޝަލް ބީޗުގައި އެހެންދީންތަކަށް ފުރުސަތު ދޭންޖެހޭނެ ކަމަށް ބުނެ ބަޔަކު މުޒާހަރާ ކުރި ކަމަށާއިއެކަންވެސް ބެލެން ޖެހޭނެކަމަށެވެ.
އަލްހާން ވިދާޅުވީ މަދަނީ އިއްތިހާދުން މުޒާހަރާ ކުރުމުގެ އަސާސެއް އޮތް ކަމަށާއި ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ބުދު ހިމެނޭ މޮނިއުމަންޓްތަކެއް ބެހެއްޓި ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީން މުޒާހަރާ ކުރަން ނުކުންނަނީ ބަޔަކާ ކުރިމަތިލުމަށް ތޯ ވެސް އެނގެން ޖެހޭ ކަމަށެވެ.