ޔޫރަޕާއި މެދުއިރުމައްޗަށް ދަތުުރު ކުރި ދިވެއްސެއްގެ ފަރާތުން ކޮރޯނާގެ އަލާމާތްތައް ފެނިގެން އޭނާ އެ ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން ބުނީ ޔޫރަޕާއި މެދުއިރުމައްޗަށް ދަތުރުކޮށްފައި އައި ދިވެއްސެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނާތީ އޭނާ އެކަހެރިކޮށް ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭނާ ރާއްޖެ އައީ ކޮން އިރަކު ކަމެއް އެ އިދާރާ އިން ހާމައެއް ނުކުރެއެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވަނީ 13 މީހެކެވެ. އޭގެ ތެރެއިން ތިން މީހަކު ބަލިން ރަނގަޅުވެފައިވާކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވާ، އެހެން ހުރިހާ ފަރާތްތައް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރަންޖެހޭގޮތަށް މިހާރު ވަނީ ހަމަޖައްސައިފައެވެ. ބަލި ފެތުރުން ކޮންޓްރޯލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ރިސޯޓުތަކުގައި ތިބޭ މީހުން ރަށްރަށަށް ދިޔުމާއި ރަށްރަށުގައި ތިބި މީހުން ރިސޯޓުތަކަށް ދިޔުންވެސް ވަނީ މަނާކޮށްފައެވެ.

މިހަފްތާގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފައިވާއިރު ޑޮކްޓަރުން ތަކުރާރުކޮށް ކުރައްވާ އިލްތިމާސް އަކީ ބޭރަށް ނިކުތުން މަދުކޮށް ގޭގަައި ތިބުމަށް ކުރައްވާ އިލްތިމާސް އެވެ.