23 Mar 2020, 11:35
ރިޔާޟް (23 މާޗް 2020): ސައޫދީ އަރަބިޔާގައި ކޮރޯނާވައިރަސް، ކޮވިޑް-19 ފެތުރޭ މިންވަރު މައްޗަށްދާތީ އެ ރޮގާ ކޮންޓްރޯލް ކުރުމަށް އެގައުމުގައި ކާފިއު އިއުލާން ކޮށްފި އެވެ.
ސައޫދީގެ ރަސްމީ ނޫސް އެޖެންސީ، ސާނާ ބުނާގޮތުން ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ވަނީ ރޭގަނޑު 7:00 އިން ހެނދުނު 6:00 އަށް 21 ދުވަސްވަންދެން މަގުތަކަށް މީހުން ނިކުތުމާއި އެއްވެއޮޅުން މަނާކުރުމުގެ ޝާހީ އަމުރެއްގައި ސޮއިކުރައްވައި އެކަން ތަންފީޒު ކުރުމަށް ސައޫދީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވާފަ އެވެ.
ސައޫދީގައި ކާފިއު އިއުލާންކުރުމަށް ސަލްމާން ރަސްގެފާނު އަމުރުކުރައްވާފައި މިވަނީ، އެގައުމުގެ 119 މީހަކު އިއްޔެ ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މިހާ ގިނަ އަދަދެއްގެ ބަޔަކު އެއްދުވަހެއްގެ ތެރޭ، އެ ރޯގާއަށް ޕޮޒިޓިވް ވުމުން ސައޫދީ ސިއްހަތާބެހޭ މަސްއޫލުވެރިންނަށްވަނީ ކުއްލި ސިހުމެއް ލިބިވަޑައިގެންފަ އެވެ. މިއާއެކު ސައޫދީގެ ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ކޮރޯނާވައިރަސް ފެތުރިފައި ވެދާނެކަމުގެ ބިރުވަނީ ހީވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މައްކާގެ ޙަރަމްފުޅުވެސް ހުސްކޮށް
އަލަށް ޕޮޒިޓިވްވި 119 މީހުންގެ ތެރެއިން ހަތް މީހުން ޕޮޒިޓިވް ވެފައިވަނީ މާތްވެގެންވާ މައްކާގަ އެވެ. މި 119 މީހުންނާއެކު ސައޫދީގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 511 އަށް އަރާފަ އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސައޫދީގައިވަނީ އިސްލާމީ ގިނަ ގައުމުތަކެކޭ އެއްގޮތަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. ނަމަވެސް މިސްކިތްތަކުގައި ބަންގި ދިނުމަށްޓަކައި މުއައްޒިނުންނަށް ވެހިކަލްތަކުގައި މިސްކިތަށް ދިޔުމުގެ ހުއްދަ ދީފައިވެ އެވެ. އަދި ޖަމާއަތުގައި ނޫންގޮތަށް ވަކިވަކިން ދުރުދުރުގައި ތިބެގެން މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ސައުދީ ކަމާބެހޭ އިދާރާތަކުން ދީފައިވެ އެވެ.
މީގެއިތުރުން ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާފިޔަވަޅެއްގެ ގޮތުން މައްކާ އާއި މަދީނާގައިވާ މުސްލިމުންގެ ދެ ހަރަމްފުޅުވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. ދެ ހަރަމްފުޅުގެ މިސްކިތުގެ އިތުރުން އެދެ މިސްކިތުގެ ކައިރީގައި ނަމާދުކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދުވެސް ވަނީ ބަންދުކޮށްފަ އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ސައޫދީއިންވަނީ އުމްރާއަށް ވިސާ ދޫކުރުމާއި ފަތުރުވެރިކަމަށް ވިސާ ދޫކުރުންވެސް މިމަހުގެ ކުރީކޮޅުން ފެށިގެން ހުއްޓާލާފަ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ހަރަކާތްތައްވެސް ދާދިފަހުން ސައޫދީގައިވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. (ސައޫދީ ރަސްމީ ނޫސްއެޖެންސީ)