13 Dec 2011, 22:09
އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ބާރުއަޅުއްވައި އެކަމަށް ހިތްވަރުދެއްވުމުގެ ގޮތުން ކޮންމެ އަހަރަކު ދޭ "ޒައިދް ފިއުޗާ އެނަޖީ ޕްރައިޒް" މި އަހަރު ހާސިލްކުރާނެ ފަރާތްތައް ކަނޑައެޅުއްވުމަށް ބާއްވަވާ ފަނޑިޔާރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ޔޫއޭއީގެ އަބޫދާބީއަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފި އެވެ.
މިދަތުރުފުޅު ފެށްޓެވުމުގެ ކުރިން، ރަސްމީ ފާލަމުގައި ރާއްޖޭގެ ޚަބަރު ފަތުރާ ވަޞީލަތްތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދަތުރުފުޅާ ބެހޭ ގޮތުންނާއި އަބޫދާބީގެ ޒައިދް ފިއުޗާ އެނަޖީ ޕްރައިޒްގެ ފަންޑުން ރާއްޖެ އަށް ލިބެމުންދާ އެހީތަކާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވި އެވެ.
މިގޮތުން، އަބޫދާބީ ފަންޑުގެ އެހީގައި ރާއްޖޭގައި ފަށާފައިވާ ޓެލެމެޑިސިންގެ މަޝްރޫއު މިހާރު ނިމެމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ މަގުތައް ތަރައްޤީކުރުމަށް ޓަކައި އެފަންޑުން ލޯނެއް ދެއްވުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްޑީޕީން މި މަހު 23 ވަނަ ދުވަހު މުޒާހަރާ ކުރަނީ މަދަނީ އިއްތިހާދުން ކުރާ މުޒާހަރާއާ ކުރިމަތި ލުމަށް ނޫން ކަމަށާއި އެއީ އެމްޑީޕީން ކުރާ މުޒާހަރާއެއް ކަމަށެވެ.