23 Mar 2020, 09:13
ބާލިން (މާޗް 23): ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލްއަށް ވެކްސިން ޖަހައިދިން ޑޮކްޓަރަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެކަމަނާ ކަރަންޓީނުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު މާކެލްއާ ބައްދަލުވި ޑޮކްޓަރު ވައިރަހަށް ޕޮޒިޓިވްވިކަން އެނގުނީ، ޖަރުމަނުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުން އިއްޔެ އެކަމަނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވި ފަހުން ކަމަށް ޗާންސެލަރުގެ ތަރުޖަމާނު ސްޓެފެން ސީބާޓް ވިދާޅުވި އެވެ.
ސީބާޓް ވިދާޅުވި ގޮތުގައި މާކެލްއަށް ދިން ވެކްސިނަކީ ނިއުމޯނިއާ ޖައްސާ ބެކްޓީރިއާއަކުން ރައްކާތެރިވުމަށް ދޭ ވެކްސިނެކެވެ. އަދި ކަރަންޓީނު މުއްދަތުގައި އެކަމަނާ ގޭގައި ހުންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ސީބާޓް ވިދާޅުވި އެވެ.
އިއްޔެ ކޮރޯނާވައިރަހާ ދެކޮޅަށް ޖަރުމަނުން އެޅި އާ ފިޔަވަޅުތަކުގެ ތެރޭގައި ވަޒީފާގެ މާހައުލުގައި ފިޔަވާ އެހެން އާއްމު ތަންތަނުގައި ދެ މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ދެ ހަފްތާއަށް މަނާ ކުރުން ހިމެނެ އެވެ. އަދި ރެސްޓޯރެންޓުތަކުން ހަމައެކަނި ޓޭކްއަވޭގެ ހިދުމަތް ދިނުމަށާއި ސެލޫންތަކާއި މަސާޖް އަދި ޓެޓޫ ޖަހާދޭ ތަންތަން ބަންދު ކުރަން އެންގުން ހިމެނެ އެވެ.
ޖަރުމަނުގައި މިހާތަނަށް 24،800އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 94 މީހަކު ވަނީ މަރުވެފަ އެވެ. ޖަރުމަނަކީ ޔޫރަޕްގައި ތިން ވަނައަށް އެންމެ ބޮޑަށް ވައިރަސް ފެތުރިފައިވާ ގައުމެވެ. އެ ސަރަހައްދުގައި ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ އިޓަލީ އާއި ސްޕެއިންގަ އެވެ. އެގޮތުން އިޓަލީގައި 59،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، 5،476 މީހަކު ވަނީ މަރުވެފަ އެވެ. އަދި ސްޕެއިންގައި 28،700އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ފެތުރި، 1،772 މީހަކު ވަނީ މަރުވެފަ އެވެ.
އޭގެ ސަބަބުން ޔޫރަޕިއަން ޔޫނިއަނުން ވަނީ އެ އިއްތިހާދުގައި ނުހިމެނޭ ގައުމުތަކުގެ މީހުންނަށް އެގައުމުތަކަށް ނުވަދެވޭ ގޮތަށް ބޯޑަރުތައް ބަންދު ކުރަން މިދިޔަ ހަފްތާގައި ނިންމާފަ އެވެ.