ރާއްޖޭގެ އެއްވެސް ތަނަކުން އެކްސްކާޝަނުގެ ގޮތުގައި މީހުން އައުމާއި ދިއުން، މުއްދަތެއް ނެތް ގޮތަށް މަނާކޮށްފިއެވެ.

ކޮރޯނާވައިރަސް ރާއްޖެއިން ފެނި، އެ ބަލި ފެތުރުމުގެ ބިރު އޮތުމާއެކު ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކުރީ 13 މާޗު 2020 ވަނަ ދުވަހުއެވެ.

އަދި އެ ދުވަހު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ރިސޯޓުތަކާއި ސަފާރީތަކާއި ގެސްޓްހައުސްތަކުން މާލެ ސަރަހައްދަށް އެކްސްކާޝަންގައި އައުމާއި ދިއުން، އަދި ރަށްރަށުންނާއި ގެސްޓްހައުސްތަކުންނާއި ރިސޯޓުތަކާއި ސަފާރީތަކުން ރާއްޖޭގެ އެއްވެސް ތަނަކަށް އެކްސްކާޝަނަށް ދިއުން، 10 ދުވަހުގެ މުއްދަތަށް މަނާކޮށްފައެވެ.

އެ އަމުރަށް މާދަމާ 10 ދުވަސް ހަމަވާ އިރު، މިރޭ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އެކްސްކާޝަން މަނާކުރުމުގެ އަމުރު، މުއްދަތެއް ނެތް ގޮތަށް އިތުރުކުރައްވާފައެވެ.

އެ އަމުރުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވީ މިހާރުން ފެށިގެން ވަކި ގޮތެއް އަންގަންދެން އެކްސްކާޝަންގެ ގޮތުގައި ރަށްރަށުންނާއި ގެސްޓްހައުސްތަކުންނާއި ރިސޯޓުތަކާއި ސަފާރީތަކުން ކުރެ އެއްވެސް ތަނަކުން މީހުން އައުމާ ދިއުން ހުއްޓާލަން އަންގަވާ ކަމަށެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ވަނީ މާލެ ސަރަހައްދުގެ ޓޫރިސްޓު އެސްޓެބްލިޝްމަންޓުތަކަށް ފަތުރުވެރިން އައުން މަނާކޮށްފައެވެ. އަދި ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށާ ދެމެދު ދަތުރުކުރުންވެސް މަނާކޮށްފައިވާ އިރު، ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހީން 14 ދުވަސް ވަންދެން ސަރުކާރުން އަންގާ ތަނެއްގައި ކަރަންޓީން ފުރިހަމަކުރަންވެސް ވަނީ އަންގަވާފައެވެ.

ކޮރޯނާއާ ދެކޮޅަށް އަޅަމުންދާ މި ފިޔަވަޅުތަކާއެކު ބައެއް އާންމުންގެ ޝަކުވާވެސް ބޮޑުވެފައިވާ އިރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިރޭ ވަނީ އެ ފިޔަވަޅުތަކަކީ މުސްތަގުބަލަށްޓަކައި ކުރަންޖެހޭ މުހިންމު ކަންކަން ކަމަށާއި، ރައްޔިތުންގެ ކިބައިން ކެތްތެރިކަމާއި އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.

ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވް 13 މީހަކު ފެނިފައިވާ އިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ކޮރޯނާއަށް ޕޮޒިޓިވްކަމަށް ފެނުނު މީހުންގެ ތެރޭގައި ހިމެނެނީ އިޓަލީގެ ނުވަ މީހަކާއި އިނގިރޭސިވިލާތުގެ މީހަކާއި ޖަރުމަނު މީހަކާއި ސައުތު އެފްރިކާ މީހަކާއި ތުރުކީ މީހެކެވެ.