22 Mar 2020, 23:52
ލަންކާއިން އައި "އެލިއޮން" ބޯޓާއި ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓާއި، ވެލިގަނޑު ރިސޯޓުން ކޮރޯނާވައިރަހަށް ޝައްކުކުރެވުނު މީހުން އެ ވައިރަހަށް ނެގަޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
ވެލިގަނޑު ރިސޯޓު، ސެންޓާރާ ގްރޭންޑް އަދި އެލިއޮން ބޯޓުންވެސް ކޮރޯނާއަށް ޝައްކު ކުރެވުނީ، ކޮންމެ ތަނަކުން އެންމެ މީހެކެވެ.
އެ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނާތީ ސާމްޕަލް ނަގައި ޓެސްޓު ކުރަން ފޮނުވީ އިއްޔެއެވެ.
އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި އެ އެންމެން ވަނީ ކޮރޯނާއަށް ނެގަޓިވްވެފައެވެ. އެއާއެކު އެތަން މިހާރު ވަނީ މޮނީޓަރިން ހާލަތުން ވީއްލިފައެވެ.
މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެއިންވެސް ފެނިފައިވާއިރު، ސަރުކާރުން ވަނީ މި މަހުގެ 12 ވަނަ ދުވަހު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ތަންތަނަށް މީހުން އެއްވެ އުޅުން ހުއްޓުވުމަށް ކެފޭތަކާއި، ޕާކުތައް ފަދަ ތަންތަން ވަނީ ބަންދުކޮށްފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ. އޭގެ އިތުރުން މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދުކުރުން ވަނީ މެދުކަނޑާލާފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 13 ބިދޭސީންނެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުގައި ތިބި ފަސް މީހަކާއި، އއ. ބަތަލާ ރިސޯޓުގައި ތިބި ދެ މީހަކާއި، އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ މީހަކާއި، ކ. އަނަންތަރަ ދިގު ރިސޯޓުގައި ތިބި ދެ މީހެއްގެ އިތުރުން އައިލެންޑް ސަފާރީ ނަމަކަށް ކިޔާ ސަފާރީއެއްގައި ތިބި ދެ މީހަކެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެއީ ބަތަލާއިން ޕޮޒިޓިވްވި ދެމީހުންނާއި ކުރެއްދޫއިން ޕޮޒިޓިވްވި މީހެކެވެ.