22 Mar 2020, 23:24
ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ހުރި ދިވެއްސަކު ފެނުމުން އަދާރަން ސެލެކްޓް ހުދުރަންފުށި ރިސޯޓު (ކ. ޅޮހިފުށި) މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ޝައްކުކުރެވޭ މީހާގެ ސާމްޕަލް ނެގުމަށްފަހު މިހާރު ހުރީ ހޯމް އައިސޮލޭޝަނުގައެވެ.
އަދި އެ ރިސޯޓު ވަނީ މީހުން އަރާ ފޭބުން ހުއްޓުވައި، މޮނީޓަރިން ހާލަތަށް ގެނެސްފައެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގއަށް ލެވިފައި ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އިއްޔެ ވެސް ވަނީ ތިން ރިސޯޓަކާއި ބޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނައިސްފަ އެވެ. ނަމަވެސް އޭގެ ތެރެއިން ވެލިގަނޑު ރިސޯޓުން ކޮރޯނާވައިރަހަށް ޝައްކުކުރެވުނު މީހުން އެ ވައިރަހަށް ނެގަޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ވަނީ ބުނެފައެވެ. އަދި ލަންކާއިން އައި "އެލިއޮން" ބޯޓުން ސާމްޕަލް ނެގި މީހާ ވެސް ވަނީ ނެގެޓިވް ވެފައެވެ.
ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވީ 13 މީހުންނެވެ. އޭގެ ތެރެއިން ތިން މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. އެހެންކަމުން، މިހާރު ރާއްޖޭގައި އެ ވައިރަހަށް ޕޮޒިޓިވްވެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބީ 10 މީހުންނެވެ.
ރަނގަޅުވި ތިން މީހުންނަކީ ބަތަލާ ރިސޯޓުން ޕޮޒިޓިވްވި ދެ މީހުންނާއި ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި މީހެކެވެ.