ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ނުވަތަ ބައްޔަށް ޕޮސިޓިވްވެފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާނަމަ ކޮންޓެކްޓް ޓެރޭސިންގްއަށް މަޑުނުކޮށް އަމިއްލަޔަށް ރިޕޯޓު ކުރުމަށް ކޮރޯނާއާއި ގުޅިގެން ސަރުކާރުގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު އިލްތިމާސް ކޮށްފި އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން މައުލޫމާތު ދިނުމަށް ދަރުބާރު ގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަބްރޫކް ވިދާޅުވީ ކޮރޯނާގެ އަލާމާތްތައް ހުރި މީހެއް ނުވަތަ ބައްޔަށް ޕޮޒިޓިވްވެފައި ހުރި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުން ބައެއް ފަހަރު ޓްރޭސްވެ އިދާރާތަކުން ގުޅަންދެން މަޑުކުރާ ކަމަށެވެ. އެއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެންމެ ރައްކާތެރި އެމީހަކު އަމިއްލައަށް ގުޅައި ރިޕޯޓުކުރުންކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބުރޫކު އެހެން ވިދާޅުވީ ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ކުރީގެ މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު މަރުއޯން ފެލައިނީ ކޮރޯނާއަށް ޕޮސިޓިވްވެފައި ވާތީ އޭނާއާ ކޮންޓެކްޓްވެފައި ތިބި މީހުން އަމިއްލަޔަށް ރިޕޯޓު ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ބައެއް ބޭފުޅުން މިކަން އަދިވެސް ރިޕޯޓު ނުކުރައްވާ. އަޅުގަނޑުމެންގެ ކޮންޓެކްޓް ޓްރޭސިންގްއިން ފެންނަންދެން މަޑުކޮށްގެން އެބަތިބޭ. އެހެން ނަހައްދަވާ އަމިއްލަޔަށް އެނގިވަޑައިގަންނަވާނެ މި ކުޅުންތެރިޔާއާ ބައްދަލުވެފައި ހުރިއްޔާ. އެހެން ކަމަށް ވާނަމަ ހަމަ ވީހާވެއް އަވަހަކަށް ކަމާ ބެހޭ ފަރާތްތަކަށް އަންގަވަމުން ދިއުމަކީ މުހިންމު ކަމެއް." މަބުރޫކު ވިދާޅުވި އެވެ.

މަބުރޫކު ވިދާޅުވީ ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓް ވި ދެ މީހަކު މިހާރު ވެލިދޫ ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާއާ ދިމާވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގްއެއް ހެދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

އޭގެ އިތުރުން ފެލައިނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި ރިސޯޓު ކަމަށްވާ ރީތިރަށް ރިސޯޓުގައި އޭނާއާ ކޮންޓެކްޓް ވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް މަބުރޫކު ވިދާޅުވިއެވެ. މި ކުޅުންތެރިޔާއާ ބައްދަލުވެ ކައިރި ކޮންޓެކްޓެއް ވެފައި އޮތް މީހެއްވެއްޖެއްޔާ 1676 ގުޅައި ރިޕޯޓު ކުރުމަށް މަބުރޫކު އެދިލެއްވިއެވެ.

އޭގެ އިތުރުން ފެލައިނީ ދަރުކުރީ އެއާޕޯޓުން ކަމަށް ވާތީ އޭނާއާ ކޮންޓެކްޓް ވި މީހަކު މާލެ ސަރަހައްދުގެ އުޅެދާނެކަމަށް ބަލައި އިތުރަށް ސަމާލުވުމަށް މަބުރޫކު އެދިލެއްވިއެވެ.

ދުނިޔޭގައި ބާރު ސްޕީޑުގައި ފެތުރެމުންދާ ކޮރޯނާއިން ރާއްޖެ ރައްކާތެރި ކުރުމަށް މީހުން އުޅޭ ތަންތަނަށް ނުދިޔުމަށާއި ގޭގައި މަޑުކުރުމަށް ކަމާ ބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.