13 Dec 2011, 20:52
ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުން ގެންދަވާތީ، އެ ތުހުމަތުތަކާމެދު ސަރުކާރުން ޢަމަލު ކުރައްވާނެ ގޮތުގެ ނިޒާމެއް ޤާއިމް ކުރަން ސަރުކާރުން ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުން މަޝްވަރާ ކުރުމަށް ފަހު ގާއިމު ކުރަން ނިންމި ނިޒާމްގެ ދަށުން ކޮރަޕްޝަނާ ގުޅޭގޮތުން ސަރުކާރާމެދު ކުރެވޭ ތުހުމަތުތައް މޮނިޓާ ކުރާ ސަރުކާރުގެ އިދާރާއަކީ، އެޓާނީޖެނެރަލްގެ އޮފީސް ކަމަށް ވެސް ވަނީ ނިންމާފަ އެވެ.
ވަޒީރުންގެ މަޖިލީހުގައު މިއަދު މެންބަރުން ކުރެއްވެވި މަޝްވަރާތަކުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ކޮރަޕްޝަނާ ގުޅޭގޮތުން ދައްކަވާ ވާހަކަފުޅުތަކާއި، އަދި ސިޔާސީ ޕާޓީތަކުންނާއި އެކިފަރާތްތަކުން ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގޮތަށް ދައްކާ ވާހަކަތައް ބަލައި ތަޙުޤީޤު ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.
އަދި ތުހުމަތުތައް ތަޙުޤީޤުކޮށް ނިމޭއިރު، އެއީ އަޞްލެއް ނެތް ވާހަކަތަކެއް ކަމަށް ސާބިތުވާނަމަ، ޙަޤީޤަތާ ޚިލާފު ވާހަކަ ދައްކާ ފަރާތްތަކާމެދު ސަރުކާރުން އަބުރުގެ ދަޢުވާ ކުރަން ވެސް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ ތަރައްޤީއަށް ކުރާ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ، ބޭނުންތެރި ކަމެއް ކަމަށް ފެންނާތީ އެފަދަ ބޭންކެއް އުފެއްދުމާ ގުޅޭ ބިލެއް، ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ފޮނުވަން ވެސް މިއަދު ވަނީ ނިންމާފަ އެވެ.