ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ޗަައިނާއަށް ފުރި ފުޓުބޯޅަ ކުޅުންތެރިޔާ މަރުއާން ފެލެއިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާކަން ހާމަވި އިރު، އޭނާއާ ރާއްޖެއިން ދިމާވި ދެ މީހަކު އެކަހެރިކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓު ކޮންޓެކްޓުވި ދެ ދިވެއްސެއްގެ ކިބައިން އެ ވައިރަހުގެ އަލާމާތްތައް ފެންނާތީ އެ ދެ މީހުން އެކަހެރިކޮށް، ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އެ ދެ މީހުންވެސް ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް އެކަހެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑާސެކެޓްރީ މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، އެ ދެ މީހުންނަކީވެސް ރާއްޖެ އައި ފުޓުބޯޅަ ކުޅުންތެރިޔާ މަރުއާން ފެލެއިނީއާ ކޮންޓެކްޓުވި ދެ މީހުން ކަމަށެވެ. ފެލެއިނީ ރާއްޖޭގައި ހުރެފައި އަނބުރާ ޗައިނާއަށް ދިޔަ ފަހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މަބްރޫކު ވިދާޅުވި ގޮތުގައި، ފެލެއިނީ ރާއްޖޭގައި ހުރީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި މި މަހުގެ އަށަކުން 12 ވަނަ ދުވަހާ ހަމައަށެވެ. އަދި އޭނާ ބައްޔަށް ޕޮޒިޓިވްވީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެހެންކަމުން، އޭނާ ރާއްޖެ އައީ ބަލި ޖެހިފައި ހުރެގެން ކަމަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އޭނާއާ ކޮންޓެކްޓްވެފައި ތިބި މީހުން އަމިއްލަޔަށް ރިޕޯޓު ކުރުމަށް މަބްރޫކް އިލްތިމާސްކުރެއްވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 13 ބިދޭސީންނެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުގައި ތިބި ފަސް މީހަކާއި، އއ. ބަތަލާ ރިސޯޓުގައި ތިބި ދެ މީހަކާއި، އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ މީހަކާއި، ކ. އަނަންތަރަ ދިގު ރިސޯޓުގައި ތިބި ދެ މީހެއްގެ އިތުރުން އައިލެންޑް ސަފާރީ ނަމަކަށް ކިޔާ ސަފާރީއެއްގައި ތިބި ދެ މީހަކެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން އެންމެ ފަހުން މީހަކު ޕޮސިޓިވްވިތާ މިހާރު ވަނީ ހަފްތާއެއްވެފައެވެ.