ގައުމީ އެއާލައިން މޯލްޑިވިއަންގައި މަސައްކަތް ކުރާ އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނާއި މާބަނޑު އަންހެނުންނަށް އެއް މަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައިފި އެވެ.

މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނީ، އުމުރުން ދުވަސްވީ މުވައްޒަފުންނާއި މާބަނޑު އަންހެނުންގެ އިތުރުން ދެން އެއް މަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވަނީ، ބައެއް ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މުވައްޒަފުންނަށް ކަމަށެވެ.

އެ ބަލިތަކުގެ ތެރޭގައި ހިމެނެނީ ހިތުގެ ބައްޔާއި ނޭވާލާ ނިޒާމްގެ ބަލިތަކުގެ އިތުރުން ހަކުރު ބައްޔާއި ކެންސަރު އަދި ހައިޕަރޓެންސަން ހުންނަ މުވައްޒަފުން ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުން އަންނައިރު އެ ކަމާ ގުޅިގެން މޯލްޑިވިއަން އިންވެސް އަންނަނީ މުވައްޒަފުންނަށް ލިއިތަކެއް ދެމުންނެވެ. އެގޮތުން އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކަށް އެއް މަހާއި ތިން މަސްދުވަހުގެ ނޯޕޭ ލީވެއް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމާ ގުޅިގެން ކުންފުނީގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ވަނީ މޯލްޑިވިއަންގެ ބޯޑް މެންބަރުންނާއި މެނޭޖްމަންޓް މުވައްޒަފުންގެ މުސާރައިން 20 އުނިކުރުމަށް ވެސް ނިންމާފަ އެވެ.