ރާއްޖޭގައި ދެމުން އަންނަ ޓެލެކޮމިއުނިކޭޝަން ހިދުމަތުގެ ރޭޓަށް ބަދަލު ގެނައުމަށް ދިރާގާއި ވަތަނިއްޔާ އިން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވެސް (ކޭމް) އަށް ހުށަހަޅާއިފި އެވެ.

އެ އޮތޯރިޓީން ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދީފަ އެވެ.

ކޭމް ގެ ޗީފް އެގްޒެކްޓިވް އިލްޔާސް އަހުމަދު މިއަދު ވިދާޅުވީ ދިރާގާއި ވަތަނިއްޔާ އިން ހިދުމަތްތަކުގެ އަގު ބޮޑުކުރުމަށް އެ އޮތޯރިޓީ އަށް ހުށަހެޅުމުން ކޭމް އިން ވެސް އެކަމާ ބެހޭ ދިރާސާތަކެއް ކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އަދި ވަކިގޮތެއް ނިންމާފައިވާ ނުވާ ކަމަށާއި އެކަމަށް ވަކި ގޮތެއް ނިންމާނީ ދިރާސާ އަށް ފަހު އެ އޮތޯރިޓީގެ ރެގިއުލޭޓްރީ ބޯޑުން ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

"އިންފްލޭޝަން އަށް ބަލާފައި ދިރާސާތަކެއް އަބަދު ވެސް ކުރޭ. މިހާރު ވެސް ކުރެވެމުންދަނީ. ދެން އެކަމަށް ގޮތެއް ނިންމާނީ އަޅުގަނޑުމެންގެ ރެގިއުލޭޓްރީ ބޯޑުން،" އިލްޔާސް ވިދާޅުވި އެވެ.

އެ މައްސަލައިގައި ދިރާގުން ކޮމެންޓެއް އަދި ދޭކަށް ބޭނުމެއްނުވި އެވެ. އޭގެ އިތުރުން ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން އައިޝަތު ޒަމްރާ ޒާހިރު ވެސް މިއަދު ވިދާޅުވީ އެ މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

މުއާސަލާތީ ހިދުމަތުގެ ރޭޓަށް ބަދަލު ގެންނަން އިން ދިރާސާކުރަން ފަށާފައިވާ އިރު އަންނަ މަހުން ފެށިގެން ޓެލެފޯނުގެ ހިދުމަތުން ހަ ޕަސެންޓުގެ ޖީއެސްޓީ ނެގުމުގެ ބިލެއް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ވައްދައިފަ އެވެ. މުއާސަލާތީ އެއްވެސް ހިދުމަތަކުން މިހާރު ޖީއެސްޓީއެއް ނުނަގަ އެވެ.