22 Mar 2020, 19:03
ގައުމީ އެއާލައިން މޯލިޑިވިއަންގެ ބޯޑް މެންބަރުންނާއި މެޖޭޖްމަންޓް މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް އެ ކުންފުނިން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ، އެ ކުންފުނީގެ ބޯޑު މެންބަރުންގެ މުސާރައިން 20 އިންސައްތަ ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމާފައިވަނީ މެނޭޖްމެންޓާއި ބޯޑް މެންބަރުން އެއްބަސްވެގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ބޯޑް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ނިންމާފައިވަނީ ކުންފުނީގެ ހަރަދު ކުޑަކުރުމަށް ކަމަށް ވެސް ކުންފުނިން ބުންޏެވެ.
މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19ގެ އަސަރު ރާއްޖެއަށް ވެސް ކުރިމަތިވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުން ހިމެނޭ ގޮތުން ހުރިހާ އިންތިހާބީ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ވަނީ 20 ޕަސެންޓަށް ކުޑަކޮށްފަ އެވެ. އަދި ކެބިނެޓް މިނިސްޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ ވެސް ވަނީ އެ އަދަދަށް ކުޑަކޮށްފަ އެވެ.
މީގެ އިތުރުން އާ ވަޒީފާތަކަށް މީހުން ނުނެގުމާއި މިވަގުތަށް ކެޕިޓަލް ހަރަދުތަކާއި މަރަމާތަށް ކުރާ ހަރަދުތައް މަޑުޖައްސާލައިގެން އެއް ބިލިއަން ރުފިޔާ ބަޖެޓުން ސަލާމަތް ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެމްޕީއެލްގެ ބޯޑު މެންބަރުންގެ މުސާރަ ވެސް ވަނީ ކުޑަކޮށްފަ އެވެ.
ނަމަވެސް ސިވިލް ސާވިސް އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.