ކޮވިޑް-19 ވައިރަސް ފެތުރުނަ ނުދިނުމަށް ސިންގަޕޫރު ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވާތީ އެކަމަށް އެގައުމުގައި ދިރިއުޅޭ ދިވެހީންނާއި އެގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ފޮރިން މިނިސްޓްރީއިން އިލްތިމާސްކޮށްފި އެވެ.

މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސިންގަޕޫރުގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 23 މާރިޗު 2020 ވާ ހޯމަ ދުވަހުގެ ރޭ ސިންގަޕޫރު ގަޑިން 23:59 އިން ފެށިގެން އެ ޤައުމަށް ފަތުރުވެރިން ވަނުން އަދި ޓްރާންސިޓްކުރުން މަނާކުރަން ވަނީ ނިންމާފައެވެ. އޭގެ އިތުރުން، ސިއްހީ އަދި ދަތުރުފަތުރުގެ ދާއިރާފަދަ ހާއްސަ ދާއިރާތަކުގައި މަސައްކަތް ކުރާ ބިދޭސީން ފިޔަވައި، ސިންގަޕޫރުގައި މަސައްކަތް ކުރާ އެހެން ބިދޭސީއަކު އެމީހެއްގެ ގައުމަށް އެނބުރި ދިއުމަށް ފަހު ދެން ސިންގަޕޫރަށް ނުދެވޭ ގޮތަށް ވަނީ ހަދާފަ އެވެ.

އެހެންކަމުން ފޮރިން މިނިސްޓްރީއިން ވަނީ ސިންގަޕޫރަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން އެ ކަމަށް ސަމާލުވުމަށް އެދިފައެވެ. އަދި އެ ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވާތީ، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

"މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ސިންގަޕޫރުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ." ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ސިންގަޕޫރުން މިހާތަނަށް 455 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފައެވެ. އެގައުމުގެ ސަރުކާރުން ދުރާލާ އެޅި ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގައި ބަލި ފުޅާދާއިރާއެއްގައި ފެތުރުން ވަނީ ވަރަށް ބޮޑަށް ކޮންްޓްރޯލުކުރެވިފައެވެ.

ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށް މީގެ ކުރިން އެ މިނިސްޓްރީއިން ވަނީ އެދިފައެވެ. އެގޮތުން، ސިންގަޕޫރަށް ދަތުރުކުރާ، އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓްރީ ކުރަން މިއަދު އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ ފޮރިން މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް މިނިސްޓްރީއިން ވަނީ އެދިފައެވެ.

ރާއްޖޭގައިވެސް ވައިރަސް ފެނުމާ ގުޅިގެން ވައިރަސް ފެތުރުނަ ނުދިނުމަށް ސަލާމަތީ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އެގޮތުން މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، މި ހަފްތާ ނިމެންދެން ސަރުކާރު ވަނީ ބަންދުކޮށްފައެވެ.

އޭގެ އިތުރުން، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތެއް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ފަށާފަ އެވެ.