ސަފާރީއެއްގައި އެކަހެރިވެ ހުންނަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގާފައި ވަނިކޮށް އެ ސަފާރީއިން ފޭބި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19އާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ސަރުކާރުން ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު ސިއްހަތު ރައްކާތެރިކުރުމަށް އާންމުންނަށް ވަކި ގޮތްތަކަށް އަމަލު ކުރުމަށް އެންގުމުގެ ގާނޫނީ ބާރު އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްއަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި އަމިއްލައަށް އެކަހެރިވެގެން ނުވަތަ ކަރަންޓީނުވެގެން ތަނެއްގައި ހުރުމަށް އެންގުމުގެ ބާރުވެސް ހިމެނެއެވެ.

މިއަދު ފުލުހުން ބުނީ އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ އެންގެވުމާ ހިލާފަށް ސަފާރީއެއްގައި ހުރި އުުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ސަފާރީގައި ހުރެފައި އިއްޔެ ހުޅުމާލެއަށް ފޭބި މައްސަލާގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ފުލުހުންނަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުވެސް ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ ކޯޓުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގާނޫނުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މިމަހުގެ 18 ވަނަ ދުވަހު ރިސޯޓުތަކުން މީހުން އެެެރުމާއި ފޭބުން ވަނީ މަނާކޮށްފައެވެ. އެ އެންގުމާ ހިލާފަށް އަމަލު ކުރާ މީހުންވެސް ފުލުހުން ދަނީ ހައްޔަރުކުރަމުންނެވެ.