ރިސޯޓުތަކުން އެއްތަނުން އަނެއް ތަނަށް ދަތުރު ނުކުރުމަށާއި ރިސޯޓުތަކަށް ދަތުރުނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓާ ޖެނެރަލް އަންގަވާފައިވާ އެންގެވުމާ ހިލާފަށް ހއ. އަތޮޅުގައި ހުންނަ ރިސޯޓަކަށް އަރައިގެން ހައްޔަރުކުރި އެ ރިސޯޓުގެ މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ކޮރޯނާވައިރަސް، ކޮވިޑް19އާ ގުޅިގެން މިމަހު 12 ވަނަ ދުވަހު ސަރުކާރުން ވަނީ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެއާއެކު ގާނޫނޫން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މިމަހު 18 ވަނަ ދުވަހު ވަނީ ރިސޯޓުން މީހުން އެރުމާއި ފޭބުން މަނާކޮށްފައެވެ. ރިސޯޓަށް މީހުން އެރުމާ ފޭބުން މަނާ މީހުންގެ ތެރޭގައި ފަަތުރުވެރިންނާއި ފަތުރުވެރިން ފުރުވަން އެއާޕޯޓަށް ގެންދަން ޖެހޭ ހާލަތްތަކުގައި އެކަމަށް ދާ މުވައްޒަފުން އިސްތިސްވާނެއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެފަދައިން އަންގަވާފައި ވަނިކޮށް ހއ. އަތޮޅުގެ ރިސޯޓެއްގެ މުވައްޒަފަކު، އެ އަތޮޅުގެ ރަށެއްގައި ހުރެފައި ރިސޯޓަށް ދިޔައީ މިދިޔަ ހުކުރު ދުވަހުއެވެ. ފުލުހުން ބުނި ގޮތުގައި 32 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހއ. ފިލައްދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރިސޯޓުތަކަށާއި ރިސޯޓުތަކުން އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުން މަނާކޮށް އެޅި ފިޔަވަޅަށް އަމަލުކުރުން ނިމޭނީ މިމަހު 28 ވަނަ ދުވަހަށެވެ.