22 Mar 2020, 16:28
ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރި ނަމަވެސް ގިނަ ބަޔަކު މަގުމަތީ އުޅޭތީ، އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކޮށްފި އެވެ.
ކޮރޯނާ އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ލޮކްޑައުން އަކަށް ނުގޮސްގެން ގިނަ ދިވެހިން އަޑު އުފުލި ކަމަށާއި ނަމަވެސް ގޭގައި ތިބެން އިލްތިމާސްކުރުމުން އެކަން އެގޮތަށް ކުރާތަން ނުފެންނަ ކަމަށެވެ.
"މާލޭގެ މަގުމަތީގަ މިއަދުވެސް ރޭ ވެސް ވަރަށް ދުއްވާއެއްޗެހި ގިނަ، ވަރަށް ކާރޫ ބާރު ބޮޑު، ލޮކްޑައުން އަށް ނުގޮސްގެން ވަރަށް އަޑު އުފުލާހެދި، އެކަމަކު މި އުޅެނީ މަގުމަތީ، ބުނާ އެއްޗަކާ އަމަލާ ދިމާއެއް ނުވޭ،" ޑރ، ވިދާޅުވި އެވެ.
ފަހަރުގައި މިއީ ރާޢްޖެއިން ބަލީގެ ޕޮޒިޓިވް ކޭހެއް ނުފެންނަތާ ދުވަސްވުމުން ވާ ކަމަކަށް ވެދާނެ ކަމަށާއި ނަމަވެސް ކޮންމެ އިރަކުވެސް އިތުރު މީހަކު ފެނިދާނެ ކަމަށް ތައްޔާރަށް ތިބެންޖެހޭ ކަމަށް ޑރ. ވިދާޅުވި އެވެ.
އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަޅާ ފިޔަވަޅުތައްވެސް ވަރުގަދަ ކުރަމުންދާކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ.
"ކަމުގެ ނުރައްކާތެރިކަން ހުރި މިންވަރާ އަދި ބަލި ދުނިޔޭގައިވެސް ފެތުރެމުންދާ ނިސްބަތަށް ބަލާއިރު އަދި އަޅުގަނޑުމެންނަށް ހަމަނޭވާ ލައިގެން މިކަން ހަމަޖެހުނީކަމަށް ހީކޮށް ތިބެވޭކަށެއް ނެތް،" ޑރ. ވިދާޅުވިއެވެ.
"މިހާރު ހެދިފައިވާ ސްޓަދީސް ތަކަށް ބެލި ނަމަވެސް، އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ އެކްސްޕީރިއަންސް އަށް ވެސް ބަލާފައި، މި ބަލި ކޮންޓްރޯޯލު ކުރުމަށް މުހިއްމު ދެ ކަމެއް އެބަ އޮވޭ. އެއްކަމަކީ ބަލި ޖެފައި ހުރި މީހުން ބަލާ ހޯދާ ކޮންޓެކްޓް ޓްރޭސްކޮށް އެމީހުން އައިސޮލޭޓު ކުރުން. ހަމައެކަނި މިކަމުން ބަލި ކޮންޓްރޯލެއް ނުކުރެވޭނެ، ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިންވެސް ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އޮންނަކަން ފާހަގަ ކުރެވޭ. މީހަކަށް ބަލިޖެހިފައި ހުރިކަން އެނގޭއިރު، އޭނަ ބައިވަރު ތަންތަނަށް ގޮސް އެހެންމީހުންނާ އެއްކޮށް އުޅޭކަމަށް ވަންޏާ އިތުރު އެތައް ބަޔަކަށް އޯލްރެޑީ ފެތުރިފައި އޮންނާނީ،" ޑރ، ވިދާޅުވިއެވެ.
ރާއްޖެއިން 13 މީހަކަށް ބަލި ޖެހުނު އިރު ތިން މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މީހުން އެއްވެސް އުޅުން ހުއްޓާލަން އަންގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވާއިރު ހޮޓާ ރެސްޓޯރެންޓުތައްވެސް ވަނީ ޑައިން އިން އަށް ބަންދުކޮށްފައެވެ.