ދިވެހި ރާއްޖޭގެ ދީން ބަދަލުކުރުމަށް ގޮވާލައި މުޒާހަރާ ކުރި ފަރާތްތަކުގެ ތަހުގީގު ފާޅުކަން ބޮޑު ގޮތެއްގައި ނުހިންގުމަކީ ރާއްޖޭގެ އަމާންކަން ގެއްލުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށް އައްޝެއިޚު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑިސެމްބަރު 23 ގައި ބައެއް ޕާޓީތަކާއި ބައެއް ޖަމާއަތްތައް ގުޅިގެން ކުރަން ތައްޔާރުވަމުންދާ މުޒާހަރާ އަށް ހާއްސަކޮށް ލޯންޗް ކުރި ވެބްސައިޓްގައި ހުރި ވާހަކަތަކަކާ ގުޅިގެން ސުވާލުކުރުމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚު އިމްރާން އަބުދުﷲ ފުލުސް އޮފީހަށް މިއަދު ހާޒިރު ކުރި އިރު އޭނާގެ ވަކީލެއްގެ ގޮތުން ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަހީމު ވިދާޅުވީ ގާނޫނާ ހިލާފަށް ދީން ބަދަލު ކުރުމަށް ގޮވާލައި ކުރި އެ މުޒާހަރާ ސަރުކާރުން ހުއްޓުވަން ޖެހޭނެ ކަމަށެވެ. އަދި ވެބްސައިޓްގައި ހުރި ވާހަކަތަކާ ގުޅިގެން އިމްރާނުގެ ތަހުގީގު ކުރި ގޮތަށް އެ މައްސަލައިގެ ތަހުގީގު ވެސް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާ ، އެންމެހާ އުރުފީ އާދަކާދަތަކާ ހިލާފަށް މިރާއްޖޭގެ ދީން ބަދަލުކުރުމަށް ގޮވާލައި މުޒާހަރާ ކުރި ފަރާތްތަކުގެ ތަހުގީގު މިހާ ހިސާބަށް ވެސް އެކަށީގެންވާ ގޮތުގައި ހިނގާފައި ނުވާކަން އެއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެއް. އެހެންވީމާ އެކަންތައްތައް ވެސް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ގޮވާލަން ކަމާ ބެހޭ ފަރާތްތަކަށް. ހަގީގަތުގައި މިރާއްޖޭގެ އަމަން އަމާންކަން ގެއްލުމުގެ އެންމެ ބޮޑު އެއް ސަބަބު،" ޝަހީމު ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ ބޮޑު މުޒާހަރާއާ ގުޅޭ ވެބްސައިޓްގައި ހުރި މައުލޫމާތުތަކަކީ އެ ވެބްސައިޓް ހުޅުވި އިރު އޭގައި ހުރި މައުލޫމާތުތަކެއް ނޫން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ވެބްސައިޓާ ޖާސޫސީ ބަޔަކު ކުޅެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ރައީސާއި މަދަނީ އިއްތިހާދުގެ ފަރާތުން މުޒާހަރާގެ ކަންތަކުގައި އިސްކޮށް އުޅުއްވާ އަބުދުﷲ މުހައްމަދު މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ މި މަހު 23 އާ ގުޅޭ މުޒާހަރާގެ ވެބްސައިޓްގައި "ދީނާ ދެކޮޅުވާ މީހުން މަރަން ގޮވާލާފައިވާ" އިބާރާތްތަކެއް ރޭ ހިމަނާފައި ހުރުމުން އެކަމާ ސުވާލުކުރުމަށެވެ.