22 Mar 2020, 16:12
އިންތިހާބު ލަސްކުރުމަށް ގާނޫނަށް ގެންނަ އިސްލާހުގެ ޑްރާފްޓް ތައްޔާރުކޮށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19އާ ހެދި ރާއްޖޭގައި އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހަލަތާ ގުޅިގެން އީސީއިން ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފަ އެވެ. އެއީ، ގާނޫނުގައި ބުނާ އެންމެ ފަހުގެ މުއްދަތެވެ.
ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމާ އެ ދޭތެރެއަކީ އިންތިހާބު ބޭއްވުމަށް އެކަށީގެންވާ މުއްދަތަކަށް ނުވުމުން ކޮމިޝަނުން ވަނީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
އެއާއެކު މަޖިލީހުން ބުނެފައި ވަނީ އެކަމުގައި ހައްލު ހޯދައިދެވޭނީ މަޖިލީހަށް ކަމަށެވެ. އެއާ އެކު އީސީއިން ވަނީ ސުޕްރީމް ކޯޓަށް ލީ މައްސަލަ އަނބުރާ ނަގައިފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ، ގާނޫނީ ގޮތުން ގެންނަން ޖެހޭ އިސްލާހުގެ ޑްރާފްޓެއް ތައްޔާރު ކޮށް މިދިޔަ ބުދަ ދުވަހު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އެ ޑްރާފްޓުގައި ކޮމިޝަނުން އެދުނީ، އާންމު ކުއްލި ހާލަތު ނިމޭތާ ފަސް ދުވަސްތެރޭ ކޮމިޝަނުން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅުމަށް ކަމަށް އަކްރަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދެނީ މިއީ ދާއިމީ އެއްޗަކަށް ނުވެ ސަންސެޓް ގާނޫނެއްގެ ދަށުން ހައްލެއް ލިބިގެން ދިއުން،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ، ވީހާވެސް އަވަހަކަށް މިކަމަށް ހައްލެއް ލިބުން ކޮމިޝަނުން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މިހާރު ކޮމިޝަނުން ވަނީ އިންތިހާބާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުން މަޑުޖައްސާލައިފަ އެވެ. އެވެ. އޭގެ ތެރޭގައި އޮފިޝަލުން ޓްރެއިން ކުރުމާއި ދެންވެސް ހުރި ބައެއް އިދާރީ ކަންތައްތައްވެސް ހިމެނެ އެވެ.
ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އާންމު ރައްޔިތުންވެސް ދިޔައީ އިންތިހާބު ފަސްކުރުމަށް އޭރު ވަރަށް ބޮޑަށް ގޮވާލަމުންނެވެ. އިންތިހާބު މިހާރު ފަސްކޮށްފައިވާ އަންނަ މަހު 18 ވަނަ ދުވަހަކީ، ކޮމިޝަނަށް ލިބިގެންވާ ބާރުގެ ދަށުން އިންތިހާބު ފަސްކުރެވެން އޮތް އެންމެ ފަހުގެ ތާރީހު ކަމަށް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާން ކޮށްފައިވާއިރު، އެ މުއްދަތު ނިމުމާއި މިހާރު ކަނޑައަޅާފާފައިވާ ތަރީހާ ދެމެމެދު ލިބެނީ ހަ ދުވަހެވެ.
ސިޔާސީ ޕާޓީތަކުންވެސް ވަނީ އެއީ ކެމްޕެއިން ކުރުމަށް އެންމެ އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ބުނެފަ އެވެ. ކޮމިޝަނުން ވެސް ބުނީ ކޮމިޝަންގެ މަސައްކަތްތައް ކުރުމަށް އެ މުއްދަތު އެކަށީގެން ނުވާ ކަމަށެވެ.