22 Mar 2020, 12:45
ރާއްޖޭގައި ކޮރޯނާވައިރަސް، ކޮވިޑް-19ގެ ހާލަތު ރަނގަޅުވާ ފަދަ މަންޒަރުތަކެއް ފެނުނު ނަމަވެސް މި ވަގުތު ހަމަޖެހިލައިގެން ތިބެވެން ނެތް ކަމަށާއި ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ވައިރަސް ޖެހި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމުގެ ތަމްރީން ޕްރޮގްރާމް ފެށުމަށް އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ވައިރަސް ފެތުރެމުންދާ ސްޕީޑު އަދި ލަސްވި ނަމަވެސް އެކަން ފާހަގަކޮށް އުފާކުރެވެން ނެތް ކަމަށެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ކޮރޯނާވައިރަސް ވަރަށް ބާރުމިނުގައި ފެތުރެމުންދާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅިގެން ރާއްޖެއަށް ހުރި ގޮންޖެހުންތައް ވަރަށް ބޮޑުވާނެ ކަމަށެވެ.
އެހެންކަމުން މިފަދަ ދަނޑިވަޅަކުން އަރައިގަތުމަށް ޑޮކްޓަރުންނާއި އެހެން ދާއިރާތަކުގެ މާހިރުން ދެމުން ގެންދާ އިރުޝާދުތައް އަޑުއަހައި އެއަށް އަމަލުކުރުން މުހިއްމު ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އިރުޝާދުގެ މަތީން 14 ދުވަހު ގޭގައި މަޑުކުރެވިއްޖެ ނަމަ ހަޔާތުގެ ކުރިއަށް އޮތް ދުވަސްތަކަކީ އުފާވެރި ދުވަސްތަކަކަށް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން އެހެން އެއްވެސް ގައުމަކުން އަަޅާފައި ނުވާ ވަރަށް ރާއްޖެއިން ފިޔަވަޅު އަޅާފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އަދި އެ ހާދިސާއާ ގުޅިގެން ރާއްޖެއިން ފިޔަވަޅު އެޅުމަށް އެއްވެސް ވަރަކަށް މަޑުކޮށްފައި ނުވާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.