ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީ ބަލިކޮށް ޗެލްސީ ތިންވަނަ އަށް ޖެހިލައިފި އެވެ.

މިމެޗް ޗެލްސީން ކާމިޔާބު ކުރީ ފަހަތުން އަރަ އެވެ.

މެޗުގެ ދެވަނަ މިނެޓުގައި މާރިއޯ ބަލޮޓެލީ ވަނީ މެންސިޓީ އަށް ލީޑު ހޯދައިދީފަ އެވެ. މެޗުގެ ފުރަތަމަ ވިހި މިނެޓު މޮޅު ކުޅުމެއް ދެއްކީ މެންސިޓީން ނެވެ. އެގޮތުން މެޗުގެ ބާރަ ވަނަ މިނެޓުގައި މެންސިޓީގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއެރޯ އަށް ލީޑު ފުޅާ ކުރަން ލިބުނު ރަނުގެ ފުރުސަތު ފާހަގަ ކޮށްލެވެ އެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕޯޗުގަލް މިޑްފީލްޑަރު ރައުލް މެރީލޭސް އެވެ. މިލަނޑު މެރީލޭސް ކާމިޔާބު ކުރީ ޗެލްސީގެ އިނގިރޭސި ފޯވާޑް ޑެނިއަލް ސްޓަރިޗް ދިން ހިތްގައިމު ބޯޅައަކުން ނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި މެންސިޓީގެ ޑިފެންޑަރު ގާލް ކްލިޗީ އަށް ދެއްކި ދެވަނަ ރީނދޫ ކާޑާއި ގުޅިގެން ރެފްރީ ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އެހެން ކަމުން މެންސިޓީ އަށް ޖެހުނީ ދިހަ ކުޅުންތެރިންނާ އެކު މެޗުގެ ބާކީބައި ފުރިހަމަ ކުރާށެވެ.

މެޗުގެ 83 ވަނަ މިނެޓުގައި މެންސިޓީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޑިފެންޑަރު ޖޯލިއާން ލެސްކޮޓް ބޯޅާގައި އަތްލުމުން ޗެލްސީ އަށް ޕެނަލްޓީ އެއް ލިބުނެވެ. ޗެލްސީ އަށް ލިބުނު މިޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިޔާ ފްްރޭންކް ލަމްޕާޑް އެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

ޕްރެމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަދިވެސް އޮތީ މެންސިޓީ އެވެ. މެންސިޓީ އަށް ލިބިފައިވަނީ 38 ޕޮއިންޓެވެ. ދެވަނާގައި އޮތް މެންޔުނައިޓެޑަށް ލިބިފައިވަނީ 36 ޕޮއިންޓެވެ. ތިންވަނާގައިވާ ޗެލްސީ އަށާއި ހަތަރުވަނާގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް ލިބިފައިވަނީ 31 ޕޮއިންޓެވެ. ޗެލްސީ އަށް ތިންވަނަ ލިބެނީ ގޯލުގެ ތަފާތުން ކުރީގައި އޮތުމުންނެވެ.