22 Mar 2020, 12:06
ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ކްރިޓިކަލް ކެއާގެ ކެޕޭސިޓީ އިތުރަށް ވަރުގަދަކޮށް މިހާރު ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
އައިޖީއެމްއެޗުގައި މިއަދު ހެނދުނު ފެށި އެ ވޯކްޝޮޕް އަކީ ހުރިހާ ދާއިރާއެއްގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ކްރިޓިކަލް ކެއާ ހާލަތުގައި ބޭނުންކުރާނެ އުކުޅުތަކާއި ވަސީލަތްތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެކެވެ.
އެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ނޭޝަނަލް ސެންޓާ ފޮ ރެސްޕިރޭޓަރީ މެޑިސިންގެ ހެޑް ޑރ. މޫސާ ހުސައިން ވިދާޅުވީ އެ ފަރާތްތަކުން ބޭނުންވަނީ ހުރިހާ ޑޮކްޓަރުންވެސް ކްރިޓިކަލް ކެއާއަށް ތަމްރީން ކުރަން ކަމަށެވެ. އެގޮތުން އިންކިއުބޭޓް ކުރުމާއި ވެންޓިލޭޓް ކުރުން ފަދަ މަސައްކަތްތަކަށް ތަމްރީން ކުރުން ކުރިއަށް ގެންދާނެ އެވެ.
ދެ ދުވަހަށް ކުރިއަށް ގެންދާ އެ ވޯކްޝޮޕްގައި ލެކްޗާތަކުގެ އިތުރުން އަމަލީ ތަމްރީނުތައް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޑރ. މޫސާ ހުސައިން ވާހަކަދައްކަވަނީ --- ސަން ފޮޓޯ : ފަޔާޒު މޫސާ
އޭނާ ވިދާޅުވީ ސަރުކާރުން ދަނީ ކްރިޓިކަލް ކެއާއަށް ބޭނުންވާ ތަކެތި ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
މިއަދާ މާދަމާއަށް ކުރިއަށްދާ އެ ވޯކްޝޮޕުގައި ކްރިޓިކަލް ހާލަތުގައި ބޭނުންކުރާ ތަކެއްޗަށް އަހުލުވެރިކުރުމުގެ ގޮތުން ހަތް ސްޓޭޝަނެއް ގާއިމުކޮށްފައި ހުންނާނެ އެވެ. އެއިން ކޮންމެ ސްޓޭޝަނެއްގައިވެސް ކްރިޓިކަލް ކެއާއަށް ބޭނުންކުރާ ތަފާތު އެއްޗަކަށް އަމަލީގޮތުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހީމް ސަލީމް ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކެއްވެސް ސަލީމް ވަނީ ތައުރީފުކުރައްވާފަ އެވެ.